10 Jul 2024, 07:22
ފިލްމީ ދާއިރާއިން ފުރުސަތު ލިބޭ މިންވަރު ދަށްވާން ފެށުމުން އަމިއްލަ ވިޔަފާރިއެއް ފަށަން މަޖުބޫރުވީ ކަމަށާއި މިއަދާ ހަމައަށް ވެސް ދިރިއުޅުމުގެ ބޮޑު ބައެއް ބަރޯސާވެފައިވަނީ އެ ވިޔަފާރިން ލިބޭ އާމްދަނީއަށް ކަމަށް އެކްޓަރު ވިވެކް އޮބްރޯއި ބުނެފިއެވެ.
ފިލްމު "ސާތިޔާ"އިން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު އައީ 2,000 ގެ އަހަރުތަކުގައި ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ސުރޭޝް އޮބްރޯއިގެ ދަރިފުޅުގެ ފިލްމުތައް އާއްމުން ބަލައިގަނެ ފިލްމުތަކުން ފުރުސަތު ލިބޭ މިންވަރު ވެސް ދެހާހުގެ އަހަރުތަކުގައި އިތުރުވިއެވެ. ފިލްމު އިންޑަސްޓްރީގައި ފަހުން ދިމާވި ގޮންޖެހުތަކާ އެކު ފިލްމު ލިބޭ މިންވަރު ދަށްވެ، ލިބޭ އާމްދަނީ ދަށްވުމުން ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއަށް ނުކުންނަން ނިންމީ ކަމަށް ވިވެކް ވަނީ ބުނެފައެވެ.
ވިވެކް އަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ވެސް ކުދިކުދި ވިޔަފާރިތަކަށް އިންވެސްޓް ކުރަމުން އައި މީހެއް ކަމަށާއި ފަހުން އެ ދާއިރާ ފުޅާކުރަން މާ ބޮޑު މަސައްކަތްތަކެއް ކުރަން ނުޖެހުނު ކަމަށް އެބީޕީއަށް ދިން އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ވިޔަފާރި އިންވެސްޓް ކުރުމުގެ ދާއިރާގައި އުޅެނިކޮށް ފިލްމު "ކޮމްޕެނީ" އަދި "ސާތިޔާ"އިން ފުރުސަތު ލިބި ފިލްމީ ދާއިރާއަށް ވަދެވުނީ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިހާތަނަށް 29 ކުންފުންޏެއްގައި އިންވެސްޓްކޮށްފައިވާ ވިވެކް ބުނީ ފިލްމުތަކުން ފުރުސަތު ނުލިބި ދިރިއުޅުމުގެ ގިނަ ކަންކަމަށް ބުރޫއެރި ވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އިންވެސްޓަރުންގެ ފަރާތުން ކަމަށެވެ.
ވިވެކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރު އެމޭޒަން ޕްރައިމްއިން ގެނެސްދިން "އިންޑިއަން ޕޮލިސް ފޯސް"އިންނެވެ. ބަތަލާ ޝިލްޕާ ޝެޓީ އަދި ސިދާތު މަލްހޯތުރާ މުހިއްމު ރޯލެއް ކުޅުނު މި ސީރީޒަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އުފެއްދުމެކެވެ.