މަރުކަޒީ ބޭންކު, އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މާގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ، މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެޖެންޑާކޮށްފިއެވެ.

މިއަދުގެ 11:00 އަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ވަނީ ގަވަރުނަރު ހާޒިރުކުރަން ކޮމިޓީގައި އެޖެންޑާކޮށްފައެވެ.

ނަމަވެސް އެ ކޮމިޓީ ބައްދަލުވުން ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

ގަވަރުނަރު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ވަނީ މީގެ ކުރިން ފާސްކޮށްފައެވެ.

ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެންބަރު ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ ގޮތުން ކޮމިޓީން ހާޝިމް ވަކިކުރަން ނިންމުމުން މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާނުކުރައްވަން ޖެހޭނެއެވެ. އެއަށްފަހު ޖަވާބުދާރީވުމުގެ ފުރުސަތެއް އަރުވައި، ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.