16 Jul 2024, 15:51
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާއިން ކުނި ނެގުމަށް 15 އަހަރު ހޭދަވެދާނެ ކަމަށް އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އަންރުވާ)އިން ލަފާކޮށްފިއެވެ.
އދ.ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ)އިން ކުރި އެސެސްމަންޓަކާ ހަވާލާދީ އަންރުވާއިން ބުނީ ސުންނާފަތިވެފައިވާ އިމާރާތްތައް ސާފުކުރުމުގެ މަސައްކަތުގައި 40 މިލިއަން ޓަނުގެ ގާ ނަގަން ޖެހޭނެ ކަމަށެވެ. އަދި އެ ކުނިތައް ނައްތަލާލުމަށް 100އަށް ވުރެ ގިނަ ޓްރަކް ބޭނުންވާނެ ކަމަށާއި އެކަމަށް 500 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެ ކަމަށްވެސް އަންރުވާއިން ވަނީ ލަފާކޮށްފައެވެ.
ޣައްޒާގައި މިވަގުތު ހުރި ގާތަކުގެ ތެރޭގައި ނުގޮވައި ހުރި ގޮވާ ޒާތުގެ ތަކެއްޗާއި، ވިހަ މާއްދާތައް އެކުލެވޭ ތަކެތި ހުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ދެހާސް ސާދަ ވަނަ އަހަރު ޣައްޒާގައި އިސްރާއީލުން ކުރި ހަނގުރާމައާ ގުޅިގެން 2.4 މިލިއަން ޓަނުގެ ކުނި ނަގައިފައިވެއެވެ.
ޔޫއެންއީޕީން ލަފާކޮށްފައިވާ ގޮތުގައި ޣައްޒާގެ ސަރަހައްދުގައި ހުރި ކުނީގެ މިންވަރަކީ 2008 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ހިނގާ އެހެން ހަމަނުޖެހުންތަކުގެ ސަބަބުން އުފެދިފައިވާ ހުރިހާ ކުނިތަކެއްގެ ޖުމްލަ އަދަދަށްވުރެ 13 ގުނަ އިތުރު މިންވަރެކެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ނުވަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުންވެސް ވަނީ ދަތިވެފައެވެ.
މިދިޔަ މަހު އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ގާތްގަނޑަކަށް 50،000 ބޮން ޣައްޒާއަށް ވައްޓާލާފައިވާ ކަމަށާއި އޭގެތެރެއިން 2،000 އާއި 3،000 އާއި ދެމެދުގެ އަދަދަކަށް ބޮން ނުގޮވައި ހުރި ކަމަށެވެ.
މެއި މަހު އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ލަފާކުރި ގޮތުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރެވޭނީ 2040 ވަނަ އަހަރުއެވެ.