19 Jul 2024, 23:42
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގައި އިސްރާއިލުން ގެންގުޅޭ ވަޒަންވެރިވުމުގެ ސިޔާސަތުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން ޚިލާފުކަމެއްގެ ގޮތުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ނެރުނު އެޑްވައިޒަރީ އޮޕީނިއަނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަދަބާރުން އިސްރާއިލުން ފަލަސްތީނުން ހިފައިފައިވާ ސަރަހައްދުތަކުގައި ތިބި ތިބުން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި ބަލައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބިގެންވާކަން އަންގައިދޭ ކަމެއް ކަމަށެވެ.
އެއާއެކު އެ މަނިކުފާނުވަނީ ގަދަބާރުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއިލުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުން ވަގުތުން ވަގުތަށް ހުއްޓައިލަން ގޮވައިލައްވައިފައެވެ. އަދި ނުހައްގުން ގަދަބާރުން ވެރިވެގަތުމުގެ ތެރޭގައި ލިބިފައިވާ ގެއްލުންތަކުގެ ބަދަލުދިނުމަށް ވެސް ގޮވައިލެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ލަފައާއެކު ރާއްޖެއިން އަދިވެސް ދެމި އޮންނާނީ ފަލަސްތީނަށް 1967ގެ ކުރިން އޮތް ބޯޑަރާ އެއްގޮތަށް، މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައިދޭނެކަމުގެ އުންމީދުގައި ކަމަށެވެ.
އައިސީޖޭގެ 15 ފަނޑިޔާރުންގެ ތެރެއިން 11 ފަނޑިޔާރުންވަނީ ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއިލުން ހަރަކާތްތެރިވަމުން އަންނަ އައުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލެއްގެ ގޮތުގައި ލަފާ ދޭން ފެންނަކަމަށް ނިންމައިފައެވެ.
ހަމައެއާއެކު 11 ފަނޑިޔާރުންވަނީ އިސްރާއީލުގެ އެ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލަން ޖެހޭކަމަށް ފެންނަކަމަށް ވެސް ލަފާދެއްވައިފައެވެ.