24 Jul 2024, 23:00
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް (ސީޖީ)ގެ މަގާމުން ވަކިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރި ގ.އަތަ، ޔޫސުފް މާނިއު މުޙައްމަދު އެ މަގާމުން އިސްތިއުފާ ދީފިއެވެ.
އޭނާ އިސްތިއުފާދިން ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފައި ވާކަން ރައީސް އޮފީހުން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
މާނިއު ކަސްޓަމްސްގެ ސީޖީގެ މަގާމުން ކުއްލިގޮތަކަށް ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އެއަށްފަހު އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ އައްޔަން ކުރެއްވިއެވެ.
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއުއަށް މި ފަހުން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި ކަސްޓަމްސްގެ ބޭފުޅުންތަކެއް ވަޑައިގެން 'ރާއްޖެއަށް ހަތިޔާރު ގެންނަން ނިޔަތް ގަނެއްޖެ ނަމަ އެ ފުރުސަތު އެބައޮތް' ކަމަށް ވިދާޅުވުމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި މާނިއުއަށް ފާޑުކިޔައިފައެވެ.
އޭގެ ކުރީގައި ކަސްޓަމްސްގެ ސީޖީގެ ރަސްމީ ކާރުކޮޅުގައި އަމިއްލައަށް ރަން ކުލައިގެ ފަށަލައެއް ދުއްވި މައްސަލައިގައި ވެސް މާނިއުއަށް ފާޑުކިޔުން އަމާޒުވިއެވެ. އެ ފަހަރު މާ ބޮޑަށް ފާޑުކިޔުން އަމާޒުވުމުން މާނިއު ވަނީ އެ ފަށަލަ ނަގައި، އެ ކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.