29 Jul 2024, 09:24
މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް ނުބާއްވަން ޖެހޭ ފަހަރު ދިމާވާކަމަށާއި އެހެން ދިމާވާ މައިގަނޑު އެއް ސަބަބަކީ މަޖިލީހުގެ ގަވާއިދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ "ކޮމާކޯޅި"ގެ ނަމުގައި ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހެން ދިމާވާ މައިގަނޑު ސަބަބަކީ މަޖިލީހުގައި މަސައްކަތްތައް ކުރުމަށް މުއްދަތްތަކެއް ކަނޑައަޅާފައި ހުރުން ކަމަށެވެ.
"މިސާލަކަށް މިއަދު ބިލެއް އައީ، މާދަމާއަށް އެޖެންޑާ ކުރީ. މާދަމާ އެޖެންޑާ ކުރަން މި ޖެހެނީ އޭގެ ފުރަތަމަ އިއްވުން. ދެން މިހާރު އޮންނަ ގޮތުން އެބަޖެހޭ ސާފު ތިން ދުވަސް ދޭން އޭގެ ބަހުސަށް ދިއުމާ ދޭތެރޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ފުރަތަމަ ކިޔުން އިއްވާފައި ޖެހިގެން އަންނަ ދުވަހު ވެސް އެ ބިލަށް ބަހުސް ކުރުމަކީ މަޖިލީހަށް އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މި ބަދަލުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތް އަބަދު ވެސް ހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެއީ ތަޅުމުގައި ބަހުސްކޮށް ނިންމާފައި ކޮމިޓީއަށްދާ ބިލެއް ޖެހިގެން އަންނަ ދުވަހަކު ނާންނާނެ އަނބުރާ ތަޅުމަކަށް. އެ ބިލުގެ ބާވަތުން އެއާ ގުޅިގެން ބައްދަލުކުރަން ޖެހޭ ފަރާތްތަކެއް ހުރޭ. އިތުރަށް ހޯދަންޖެހޭ މައުލޫމާތުތަކެއް ހުރޭ. އެ މަސައްކަތް ނިންމާފަ ބިލު އައުމާ ދޭތެރޭ އެތައް ދުވަހެއް އެބަވޭ. އެ މުއްދަތުގެ ތެރޭގައި ވެސް މަޖިލީހުގެ ތަޅުމުގައި މަސައްކަތް ކުރެވޭނެ ފުރުސަތު ހޯދުމަށް މިކަހަލަ ބަދަލުތައް ގަވާއިދަށް މި ގެންނަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ މަަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ދާގޮތާ މެދު ރައްޔިތުން ވެސް ހިތްހަމަޖެހުން ފާޅުކުރާކަމަށް އެ މަނިކުފާން ވިދާޅުވިއެވެ.
މަޖިލީހުގައި ކުރާނެ މަަސައްކަތެއް ނެތުމުން މަޖިލިސް ނުބޭއްވުމަކީ މިދިޔަ ދައުރުގައި ވެސް ކުރިމަތިވި މައްސަލައެކެވެ. މި މައްސަލައަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.