ބުންޑެސްލީގާގެ ބްރޫޝިއާ ޑޯޓްމުންޑަށް ކުޅެމުންދާ ނިކްލަސް ފުލްކުރޫގް، އިންގްލިޝް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ގެންދިއުމަށް ޑޯޓްމުންޑާ އެކު އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

މައުލޫމާތުލިބޭގޮތުގައި ދެ ކްލަބުން މިހާރުވަނީ 27 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެފައެވެ. މިދިޔަ ސީޒަންގައި ވާޑާ ބްރޭމަން އިން ޑޯޓްމުންޑަށް 12.6 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުކުރި ފުލްކުރޫގްވަނީ މިދިޔަ ސީޒަންގައި ޑޯޓްމުންޑަށް 46 މެޗު ކުޅެދީ 15 ލަނޑު ޖަހައިދީފައެވެ. އުމުރުން 31 އަހަރުގެ ފުލްކުރޫގްވަނީ މިދިޔަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމުންޑް ގެންގޮސްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އެންމެ ފަހުން ނިމިގެންދިޔަ ޔޫރޯ މުބާރާތުގައި ވާދަކުރި ޖަރުމަނު ޓީމަށް ވެސް ފުލްކުރޫގްވަނީ ދެ ލަނޑު ޖަހައިދީފައެވެ.

ވެސްޓް ހޭމްއިން ދަނީ އާސީޒަނަށް ޓީމުގެ އާ ކޯޗު ޖޫލެން ލޮޕެޓެގޫގެ ބެލުމުގެ ދަށުން ޓީމު ވަރުގަދަ ކުރުމަށް ބައެއް ކުޅުންތެރިން އެޓީމަށް ގެންނަމުންނެވެ. މިގޮތުން މިހާތަނަށްވަނީ ވުލްވަހެމްޓަން ވޮންޑަރާސްގެ ކެޕްޓަން މެކްސް ކިލްމަން 40 މިލިއަން ޕައުންޑަށް އަދި ބްރެޒިލްގެ ޕަލްމެއިރާސްގެ ލުއިސް ޖުއިލަމޭ 25.5 މިލިއަން ޕައުންޑަށް ގެންގޮސްފައެވެ. އަދި ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު ފޮޑަރިންހަމް ވެސް ވަނީ އެޓީމަށް ގެންގޮސްފައެވެ.

މީގެއިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އާރޮން ވެން ބިސާކާ އާއި ލީޑްސް ޔުނައިޓެޑްގެ ފޯވަޑް ކްރިސެންސިއޯ ސަމާވީލް ގެންދިއުމަށް ވެސް އެޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެސްޓަންވިލާގެ ކޮލޮމްބިއާ ކުޅުންތެރިޔާ ޖޮން ޑުރާން ގެންދިއުމާ ގުޅެގޮތުން ވެސް ވެސްޓް ހޭމްއިން ވަނީ އެ ކްލަބާއި އެކު މަޝްވަރާ ކޮށްފައެވެ.