މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި، އދ.ގެ އެހީދޭ ޖަމާއަތް (އަންރުވާ)ގެ ނުވަ މުވައްޒަފެއްގެ ބައިވެރިވުން އޮތުން އެކަށީގެންވާ ކަމަށް އދ.އިން ބުނެފިއެވެ.

އިސްރާއީލަށް ދިން ހަމަލާގައި އަންރުވާގެ 19 މީހެއްގެ ބައިވެރިވުން އޮތް ކަމަށް އިސްރާއީލުން ކުރި ތުހުމަތާ ގުޅިގެން އދ.ގެ އޮފީސް އޮފް އިންޓާނަލް އޯވަސައިޓް ސާވިސް (އައިއޯއެސް)އިން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ.

އދ.ގެ ތަރުޖަމާނު ފަރުހާން ހައްގު ވިދާޅުވީ އެ ތަހުގީގު ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އަދި ނުވަ މީހެއްގެ ބައިވެރިވުން އޮތް ކަމަށް ބުރަވެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށާއި، ކޮންމެވެސް ވަރަކަށް ހެކި ލިބިފައިވަނީ ބާކީ ނުވަ މީހުންނާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްގު ވިދާޅުވީ އެއީ ނުވަ ފިރިހެނުން ކަމަށާއި އެމީހުން ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބަޔަކު އެއްވެސް ވަރަކަށް ހަމަލާއެއްގައި ބައިވެރިވުމަކީ ބޮޑު ޚިޔާނާތެއް ކަމަށެވެ.

އެކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަންރުވާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން މިހާރު އަންރުވާގެ 'އަސްލު ސިފަ' ފެންނަ ކަމަށް އިސްރާއީލް ސިފައިންގެ ބައިނަލްއަގްވާމީ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ނަދާވް ޝޯޝާނީގެ އެކްސް ޕޯސްޓެއްގައިވެއެވެ.

މިދިޔަ މާޗު މަހު އިސްރާއީލުން ތުހުމަތު ކުރި ގޮތުގައި އަންރުވާގެ 450އަށް ވުރެ ގިނަ މުވައްޒަފުން ހަމާސްގެ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވެއެވެ.

އަންރުވާއިން ފަލަސްތީނުގައި އޮޕަރޭޝަންތައް ހިންގާ ސަރަހައްދުތަކުގައި 32،000 މީހުން ވަޒީފާ އަދާކުރާއިރު، އޭގެ ތެރެއިން 13،000 މީހުން ވަޒީފާ އަދާކުރަނީ ޣައްޒާގައެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ، އިސްރާއީލުން އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 39,583 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 15,000އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.