07 Aug 2024, 19:13
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފިރިހެން ބާސްކެޓް ބޯޅަ އިވެންޓުގެ ސެމީފައިނަލުން އެމެރިކާ ޖާގަހޯދައިފިއެވެ.
މިބައިގެ ސެމީފައިނަލުން އެމެރިކާ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ބްރެޒިލާ ވާދަކޮށް 122 ޕޮއިންޓު 87 ޕޮއިންޓުގެ ފަރަގަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެންމެ ފަހުން ބޭއްވި ފަސް މުބާރާތުގައި ވެސް ރަން މެޑަލް ހޯދާފައިވާ އެމެރިކާގެ ޓީމުން މިފަހަރުގެ މުބާރާތުގައި ވެސް އަންނަނީ އާދަޔާ ޚިލާފަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިގޮތުން މިމެޗުގެ ފުރަތަމަ ހާފަށް ހުއްޓާލިއިރު 63 ޕޮއިންޓް 38 ޕޮއިންޓުން އެމެރިކާ އޮތީ ކުރީގައެވެ. މިފަހަރުގެ އެމެރިކާ ޓީމުގައި ހިމެނެނީ ދުނިޔޭގައި އެންމެ މަޤްބޫލް ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އެމެރިކާގެ އެންބީއޭ މުބާރާތުގައި ވާދަކުރާ 12 ކުޅުންތެރިންނެވެ. އަދި މީގެތެރެއިން ހަތަރު ކުޅުންތެރިންނަކީ އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިންނެވެ.
މިކުޅުންތެރިންގެ ތެރޭގައި ލެބްރޮން ޖޭމްސް، ސްޓެފަން ކަރީ، ޖޭސަން ޓެޓުމް، ޖޮއެލް އެމްބިޑް އަދި ކެވިން ޑުރާންޓް ހިމެނެއެވެ. ހަމައެއާއެކު އެންބީއޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަ ކުޅުންތެރިން ވެސް ހިމެނެއެވެ.
އެހެން ކަމުން މިފަހަރުވެސް މިމުބާރާތް ކާމިޔާބު ކުރުން އެންމެ ގާތް ޓީމަކީ އެމެރިކާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުގައި އެމެރިކާއިން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސާބިއާ އާއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ސާބިއާ ޖާގަހޯދީ ކުއާޓާ ފައިނަލުގައި އޮސްޓްރޭލިއާއާ ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 92 ޕޮއިންޓް 92 ޕޮއިންޓުން ދެޓީމު އެއްވަރު ވުމުން އޯވާ ޓައިމް ކުޅެ 105 ޕޮއިންޓް 100 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިބައިގެ ދެވަނަ ސެމީފައިނަލްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން ޓޯކިޔޯގައި ބޭއްވި އޮލިމްޕިކް މުބާރާތުގައި ރިހިމެޑަލް ހާސިލްކުރި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތެވެ.
ފަރަންސޭސީން ސެމީފައިނަލުން ޖާގަހޯދީ ކެނެޑާއާ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗު 82 ޕޮއިންޓް 73 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ. އަދި ޖަރުމަން ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ގްރީސްއާ ބައްދަލުކޮށް 76 ޕޮއިންޓް 63 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.