18 Aug 2024, 15:10
ޓެލްއަވީވު (18 އޮގަސްޓް 2024) : އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ހަރަކާތްތެރިވާ ތަންތަނާއި އޭނާގެ ހުންނަ ރެސިޑެންސް އޭރިޔާ ގެ މަތިން ގޮތްނޭންގޭ ވަރަށް ކުޑަކުޑަ ޑްރޯނެއް އުދުހިފައިވާ ކަމަށް ނަންހަމަކުރަން ނޭދޭ އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކާ ހަވަލާދީ އިސްރާއީލުގެ ނޫހެއްކަމަށްވާ "އިސްރާއީލު ހަޔޮމް" ބުނެފިއެވެ.
މި ނޫސްބުނާގޮތުން މިއީ ހުދުހުދު ގެ ނަމުގައި ދާދިފަހުން އިސްރާއީލަށް ޖާސޫސު ކުރުމަށް މި މަހުގައާ އޭގެ ކުރީމަހު ހިޒްބުﷲ އިން ފޮނުވި ވަރަށް ކުދި ޑްރޯންތަކާ ވަރަށް އެއްވަތަރު ޑްރޯނެކެވެ.
އެއީ ވައްޓާލެވޭ ވަރަށްވުރެ ކުޑަ ޑްރޯނެއްކަމުން އެޑްރޯން ހޯދުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ފޮނުވިކަމަށްވަނީ ފައިޓާޖެޓެކެވެ. ނަމަވެސް އެފައިޓާޖެޓަށް އެކުޑަކުޑަ ޑްރޯންގެ ލޮކޭޝަން ދެނެގަނެވިފައެއް ނުވެއެވެ. ފައިޓާޖެޓް ގެ ކުރިން އެ ޑްރޯން ވަނީ ގެއްލިފައެވެ.
"އިސްރާއީލު ހަޔޮމް" އަށް މައުލޫމާތު ދެއްވަމުން ނަންހަމަކުރަން ނޭދޭ އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއާ ވިދާޅުވީ އެއީ ނަތަންޔަހޫ ހަރަކާތްތެރިވާ ތަންތަނާއި އޭނާގެ ހުންނަ ރެސިޑެންސް އޭރިޔާ ދެނެގަތުމަށް އުދުހުނު ޑްރޯނެއްކަމަށް އިސްރާއީލުގެ އަސްކަރިއްޔާ ދެކޭކަމުގައެވެ. އަދި އެއީ އީރާނުގެ ޑްރޯނެއް ނޫނީ ހިޒްބުﷲ ގެ ޑްރޯނެއްކަމަށް ބެލެވިފައިވާ ކަމުގައެވެ.
އެމެރިކާގައި ޝާއިޢުކޮށްފައިވާ ބައެއް މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލަށް ރައްދު ހަމަލާ ދިނުމުގެ ގޮތުން އީރާނުން ހަމަލާދޭނެކަމަށް ބެލެވޭ ތަންތަނުގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ ބައެއް ބޭސްތަކާއި ޓެލްއަވީވުގައި ހުންނަ އިސްރާއީލުގެ ބޭރާބެހޭ ޖާސޫސީ އިދާރާ "މޫސާދު" ގެ މައި މަރުކަޒު ހިމެނެއެވެ. މި މަރުކަޒުން މުވައްޒަފުން ނެރެ އެތަންވަނީ ހުސްކޮށްފައެވެ.
އީރާނުން ދީފާނެކަމަށް ބެލެވޭހަމަލާތަކުގެ ނުރައްކާ އޮތްކަމަށް ލަފާކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އާއިލާ ބިމު އަޑީގައިވާ ޚާއްސަ ބިންގަރާހަކަށް ވަންކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ "ޖެރޫސަލަމް ޕޯސްޓް" ބުނެފައިވެއެވެ.
އެނޫސް ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ކެބިނެޓް ޖަލްސާތައްވެސް މިހާރު ބާއްވަނީ މި ޚާއްސަ ބިންގަރާހުގައެވެ. މިއީ އަވަށެއް ވަރުގެ ވަރަށް ތަނަވަސް ބިންގަރާހެއްކަމަށާ އެތަން ބިނާކޮށްފައިވަނީ ނިއުކްލިޔާ ހަމަލާތަކުންވެސް ސަލާމަތްކަން ލިބޭހާ ވަރުގަދަކޮށް އަދި ކޮމިއުނިކޭޝަން ގެ ޚާއްސަ ވަސީލަތްތަކަކާ އެކުގައެވެ.ނަމަވެސް އިސްރާއީލުގެ ސަރުކާރުން މިކަން ކަށަވަރުކޮށެއް ނުދެއެވެ.
ހިޒްބުﷲ އިން މިދިޔަ ޖޫންމަހުގެ ކުރީކޮޅު ވަނީ "ހުދުހުދު އެކެއް" ގެ ނަމުގައި އިސްރާއީލަށް ވަރަށް ކުޑަކުޑަ ޑްރޯނެއް އިސްރާއީލަށް ފޮނުވައި އެޑްރޯންގެ އެހީގައި އިސްރާއީލުގެ އުތުރުގައިވާ ހައްސާސް ތަންތަން ބަލައި ފޮޓޯތައް ނަގައި ވީޑީއޯވެސް ކޮށްފައެވެ.
އަދި މި ދިޔަ ޖުލައި މަހުގެ ފަހުކޮޅު ހިޒްބުﷲ އިންވަނީ "ހުދުހުދު ދޭއް" ނަމުގައި ކުޑަކުޑަ އެހެން ޑްރޯނެއް އިސްރާއީލުގެ އުތުރަށް ފޮނުވައިގެން އިސްރާއީލުގެ އިތުރު ހައްސާސްތަންތަނާއި އަސްކަރީ މަރުކަޒުތަކާއި ސަރުކާރުގެ މުހިއްމު ތަންތަނުގެ ފޮޓޯތައް ނަގައި ވީޑިޔޯކޮށްފައެވެ.
މި މިޝަންގައި ނެގި ބައެއް ފޮޓޯތަކައި ވީޑިއޯ ކުރިތަންތަނުގެ ކުޑަމިންވަރެއް ހިޒްބުﷲ އިންވަނީ ދައްކާވެސް ލާފައެވެ. އިސްރާއީލަށް މި ދެ ޑްރޯން ވެސް ވައްޓާލެވިފައެއް ނުވެއެވެ. އެއީ އެތަކެތީގެ ކުދިކަމުންކަމަށްވެއެވެ.
އަނެއްކޮޅުން ހިޒްބުﷲ އިން މިދިޔަ ހުކުރުދުވަހުވަނީ ފެސިލިޓީ އިމާދު ހަތަރެއްގެ ނަމުގައި އެޖަމާއަތުގެ ބިންގަރާހެއްގެ އެތެރެ ދައްކާލާ 5 މިނިއްޓުގެ ވީޑިއޯ ކްލިޕްއެއް އާންމުކޮށްފައެވެ.
މި ކްލިޕް ދަ އްކާފައިވަނީ ބިންގަރާސް ހުރީ ކޮންތަނެއްގެ އަޑީގައިކަން ނޭންގޭ ގޮތަށެވެ. މި ބިންގަރާހަކީ ބޮޑު ސިޓީއެއްފަދަ ބިންގަރާހެއްކަން މި ކްލިޕް އިން ފެނެއެވެ. ކްލިޕްގައި ހިޒްބުﷲ ވަނީ އަޖަމާއަތުގެ އަތްދަށުގައިވާ ވަރަށް ޒަމާނީ ހަތިޔާރުތައް ޚާއްސަކޮށް މިހާތަނަށް ބޭނުން ނުކުރާ ކުރުރާސްތާއާއި މެދު ރާސްތާގެ މިސައިލްތަކާއި ރޮކެޓްތަކެއް ދައްކާލާފައެވެ.
ފެސިލިޓީ އިމާދު-4 ގެ މާނައަކީ މިބާވަތުގެ ހަަތަރު ބިންގަރާސް ސިޓީ ހިޒްބުﷲ ބިނާކޮށްފައިވާ ކަންކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ހިޒްބުﷲ އިން މި ވީޑިއޯ ކްލިޕް ދައްކާލުމުގެ ބޭނުމަކީ އިސްރާއީލު ބޮން އަޅައިގެން އާންމުން މަރުވި ނަމަވެސް އެ ޖަމާއަތުގެ އަސްކަރީ މުޅި ނިޒާމު އޮތީ ބިމުއަޑީގައި ފަރުބަދަތަކުގެ އަޑީގައިކަން އިސްރާއީލަށް ދައްކާލުންކަމަށް އިސްރާއީލުގެ "ވާލާ" އޮންލައިން ނޫސް ބުނެއެވެ.
މިއީ އިސްރާއީލު އިސްވެ ހަމަލާދިނަސް ހިޒްބުﷲ އޮތީ ރައްދު ދެވޭ ހާލަތުގައިކަމުގެ މެސެޖް އިސްރާއީލަށް ދިނުމެވެ. މި ވީޑިއޯ ކްލިޕްގައި އެތައް ލައްކަ މިސައިލްގެ ފުނިވަރެއް ހިޒްބުﷲ އިންވަނީ ދައްކާލާފައެވެ.