ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ ކޮމެޑީ ރޯލްތައް ކުޅެފައިވާ އެކްޓަރު ރާޖްޕަލް ޔާދަވް އިންޑިއާގެ ސެންޓްރަލް ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން އެކްޓަރުގެ ގެ އެ ބޭންކުން ސީލްކޮށްފިއެވެ.

ރާޖަވް ޔާދަވް ވަނީ ސެންޓްރަލް ބޭންކުން ލޯނު ނެގުމަށް އޭނާ ޝާންޖަހާންޕޫރުން ގަނެފައިވާ ގެ މޯގޭޖްކޮށްފައެވެ. ރާޖްޕާލް ބޮޑު އަދަދެއްގެ ލޯނެއް ނަގާފައި ވަނީ އެކްޓަރުގެ އަންހެނުންގެ ނަމުގައި ހިންގާ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏަށް ޚަރަދުކުރުމުގެ ބޭނުމުގައެވެ.

ރާޖްޕަލްގެ އުއްމީދަކީ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފުރަތަމަ ފިލްމަކީ، ކުރީގެ ފިލްމީ ތަރި އޯމް ޕޫރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށް ހެދުމެވެ. މި ފިލްމު އުފެއްދުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީވެ ލޯނު ނަގާފައި ވަނީ މި ބޭނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާޖްޕަލް ޔާދަވް އެކްޓަރު ކާތިކް އާރްޔަންއާ އެކު--ފޮޓޯ/ޓައިމްސްނައު
މިހާތަނަށް ރާޖްޕަލް ޔާދަވް ލޯނުގެ ފައިސާގެ ގޮތުގައި 11 ކްރޯޑު ރުޕީސް ބެންކަށް އަނބުރާ ދައްކަންޖެހޭ ކަމަށާއި ބެންކަށް ދަރާފައި އޮތުމުގެ ސަބަބުން އެ އިދާރާއަށް މަޖުބޫރުވީ އެކްޓަރުގެ ޕްރޮޕަޓީ ސީލް ކުރުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ ފަރާތަކުން ވަކި އެއްޗެއް އަންގާފައިނުވާއިރު އެކްޓަރު ރާޖްޕަލް ޔާދަވްގެ ފަރާތުން ވެސް ރިޕޯޓަރުންނަށް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މީގެކުރިން ވެސް ރާޖްޕަލް ޔާދަވްއަށް ވަނީ ދަރަނީގެ މައްސަލަތަކަކާ ކުރިމަތިވެފައެވެ. އެގޮތުން 2018ވަނަ އަހަރު އެކްޓަރު ވަނީ ދަރަނީގެ މައްސަލައެއްގައި ތިން މަސް ދުވަސް ވަންދެން ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.