ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ގޮވާލަން ފެށުމާ އެކު އިންޑިއާގެ ފިލްމީ ތަރިންތައް ރާއްޖެ އައުން ވަރަށް ބޮޑަށް ދަށްވިއެވެ.

ފިލްމީ ތަރިންނެކޭ އެއްގޮތަށް އިންޑިއާއިން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އަންނަ އިންޑިއާ މީހުންގެ އަދަދު ދަށްވެ ފިލްމު އުފެއްދުމުގެ މަސައްކަތަށް ރާއްޖެ އަންނަން ބޭނުންވެފައި ތިބި ޕްރޮޑިއުސަރުން ވެސް ސިޔާސީ ޕްރެޝަރާ ހެދި މަޖުބޫރުން މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލިއެވެ.

ނަމަވެސް މިއަދު މި ފެންނަނީ މާޒީގައި ހިނގާދިޔަ ކަންކަން ހަނދާން ނައްތާލުމަށްފަހު އިންޑިއާގެ ފިލްމީ ތަރިން ރާއްޖޭގެ ހިތްގައިމު ރިސޯޓުތަކުގެ މާހައުލުން ގުދުރަތީ އުފާ ލިބިގަންނަ މަންޒަރެވެ.

މިދިޔަ މަހު ޗުއްޓީއަށް ރާއްޖެއައި ބޮލީވުޑްގެ ޕްރޮޑިއުސަރު ރިއާ ކަޕޫރު އަދި ފިރިމީހާ ކަރަން ބޫލާނީ--ފޮޓޯ/ޕިންކްވިލާ

މި އަހަރުގެ މެއި މަހުން ފެށިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ފަންނާނުން ރާއްޖެ އަންނަން ފަށާފައިވާއިރު އޭގެތެރޭގައި ޓީވީ ތަރިން ކަމަށްވާ ރުހާނިކާ، ޓީނާ ދައްތާ ހިމެނެއެވެ. މީގެއިތުރުން މަޝްހޫރު މޮޑެލް މަލައިކާ އަރޯރާ އަދި މަގުބޫލު އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ރިއާ ކަޕޫރު ހިމެނެއެވެ.

މި ތަރިންނަކީ މީގެކުރިން ވެސް ޗުއްޓީ ދަތުރުތަކަށް އެކި ފަހަރުމަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަންނާނުންނެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވުމުގެ އިތުރުން އަމިއްލަ ފެޝަން ލައިންއެއްގައި މަސައްކަތް ކުރަމުން އަންނަ ކާމިޔާބު ޕްރޮޑިއުސަރު ރިއާ ކަޕޫރަކީ ވެސް މީގެކުރިން އާއިލާއާ އެކު ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަންނާނެކެވެ.

ރިއާ އެންމެފަހުން ރާއްޖެއަށް އައީ ފިރިމީހާ އަދި ޕްރޮޑިއުސަރު ކަރަން ބޫލާނީއާ ދެ މީހުންގެ ކައިވެންޏަށް ތިން އަހަރު ފުރުން ފާހަގަކުރުމަށެވެ.

މަޝްހޫރު ބޮލީވުޑް މޮޑެލް މަަލައިކާ އަރޯރާ މިދިޔަ މަހު ރާއްޖޭގެ ރިސޯޓެއްގައި--ފޮޓޯ/ޕިންކްވިލާ

ދެމަފިރިން ޗުއްޓީ ހޭދަކުރި ސިކްސްސެންސެސްކަނުހުރާގެ ފޮޓޯތަކާއި ވީޑިއޯތައް ރިއާ ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ.

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޓީނާ ދައްތާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މިދިޔަ ޖުލައި މަހުތެރޭ ރާއްޖެ ޒިޔާރަތްކުރިއިރު މިދިޔަ އޮގަސްޓް މަހު މަޝްހޫރު މޮޑެލް މަލައިކާ އަރޯރާ ރާއްޖެ ޒިޔާރަތްކުރީ އިންޑިއާގެ މަޝްހޫރު މެގަޒިންއެއް ކަމަށްވާ ގްލޯބަލް ސްޕާ މެގަޒިންގެ ކަވަ ފޮޓޯ ޝޫޓިން އަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އިތުރުން ބައެއް ރައްޔިތުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލުމުން ރާއްޖޭގައި ނެގުމަށް ހަމަޖެހިފައިވާ ބައެއް ފިލްމުތަކުގެ މަސައްކަތްތައް ވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

އޭގެތޭރެގައި ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއަށް ބިނާކޮށް ދަރުމާ ކުންފުނިން އުފައްދަން ނިންމި ފިލްމު "ދަ ބުލް" ހިމެނެއެވެ. ސަލްމާން ޚާން ލީޑް ރޯލް ކުޅެން ނިންމި މި ފިލްމުގެ މަސައްކަތް ފެށުމަށް އެކްޓަރު ވަނީ ހާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ.