27 Aug 2024, 00:37
އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫއުއަށް އިތުރު ބަދަލެއް ނުގެނެސް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މިކަމާ ގުޅުވައި ރައީސް އޮފީހުން ބުނީ، ރައީސް މިފަދައިން ނިންމެވީ މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާމެދު ފިނޭންސް މިނިސްޓްރީން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ލޯނު ފައިސާ ހަމަޖެއްސުމަށް އިކުއިޓީއަށް ދައްކަން ޖެހޭ 2.92 މިލިއަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓުކޮށްގެން ކުރިއަށް ގެންދިޔުމަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އޭގެއިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ހިންގަވާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެގޮތަށް ނިންމާފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން، ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އަދި، އެ މަރުކަޒު ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައެވެ.