26 Aug 2024, 22:25
ރާއްޖޭން ބޭރު ފައިސާ ލިބޭ މީހުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެެ.
ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެމްއޭގެ ރެގިއުލޭޝަނަށް ބަދަލުގެނައުމަށް ނިންމާފައި ވާކަމަށެވެ. އެގޮތުން ބަދަލު ގެންނާނީ އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަނާއި މަނީ ޗޭންޖަސް ރެގިއުލޭޝަނަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ބަދަލުގެ ސަބަބުން ވާ ގޮތަކީ، ބޭރުގެ ފައިސާއިން އާމުދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ވަރަށް ގިނައިން އެބަ ހިންގާ. މި ފައިސާ ބްލެކް މާކެޓުގައި މިހާރު މި މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް ބޭންކަށް މާރުކުރަން މަޖުބޫރު ވާނެ،" ރައިސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތަކުގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ރެގިއުލޭޝަން ވެސް ބަދަލުރާނެ ކަމަށެވެ.
"އޭގެ ސަބަބުން، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގެ ޑޮލަރު ގިނަ ދުވަސް ވަންދެން ހިފެހެއްޓިގެން ދާނެ. އޭގެން ވެސް ފައިދާ ކުރާނެ ރާއްޖެއަށް،" ރައީސް ވިދާޅުވިއެވެ.
އޭރުން ޑޮލަރު މާރުކުރާ ތަންތަން ވެސް ހުންނާނީ ބޭންކާ ގުޅިފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބޭންކުތަކުން އެތަންތަން ގާތުން ބަލަމުން ދާނެ ކަމަށެވެ.
ގިނައިން މިފަދަ ތަންތަން ހިންގަނީ ވެސް، ބޭރު މީހުންކަން ފާހަގަކުރައްވާ ރައީސް ވަނީ، ބޭންކުން އިއުލާނު ކުރާ ބޭންޑުތަކަށްވުރެ މަތިން މިތަންތަނުން ޑޮލަރު މާރުކުރަން އުޅޭނަމަ ރައްޔިތުން އެތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ.
"އޭރުން ޑޮލަރު ރޭޓު ހިފެހެއްޓި، ކުޑަ ކުރެވި، ބޭންކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ބޮޑުކުރެވި ގިނަ ކަންތައްތަކެއް ވާނެ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތައް ދައްކާ ޓެކްސް ވެސް ޑޮލަރުން ދައްކާގޮތަށް އުސޫލު ބަދަލުކޮށް މި ވިޔަފާރިތަކުން އިމްޕޯޓުކުރާ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓު ޑިއުޓީ ވެސް ޑޮލަރުން ދައްކާގޮތަށް ބަދަލުރާނެކަން ވެސް ރައީސް ވިދާޅުވިއެވެ.
އަދި ޑޮލަރުން މުސާރަދޭ ތަންތަނުގައި މަސައްކަތްކުރާ ދިވެހިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހު ފެންޝަން ވެސް ޑޮލަރުން ދޭންޖެހޭގޮތަށް ބަދަލުކުރަން ނިންމަވާ ރައީސް ވަނީ އެކަން އިއުލާނުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް އެއްވެސް ދައްޗެއް ނުވާނެކަމަށެވެ. މިއީ ހަމައެކަނި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭނެ ގަވައިދުތަކެއް ކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.