ދާދި ފަހުން އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދާފައިވާ ބަތަލާ ތާޕްސީ ޕަންނޫ ފިލްމީ އާއިލާތަކުން ދާއިރާއަށް ނުކުމެފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކައިފިއެވެ.

ތާޕްސީ ބުނެފައިވާ ގޮތުގައި ގިނަ ބަޔަކު 'ނެޕޯ ކިޑްސް'ގެ ނަމުން މުހާތަބުކުރާ ގިނަ ޒުވާނުންގެ ފަރާތުން ބޭރުތެރެއިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައިވާ ޒުވާނުންގެ ފަރާތުން ނުފެންނަ ވަރަށް ގިނަ ރަނގަޅު ސިފަތައް ފެނެއެވެ. ފިލްމީ އާއިލާތައް ނުވަތަ އެފަދަ އާއިލާއެއް މެދުވެރިވެގެން އިންޑަސްޓްރީއަށް ތައާރަފުވެފައިވާ ވަރަށް ގިނަ ތަރިން ތާޕްސީ ނަމޫނާއަކަށް ބަލާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމީ އާއިލާތަކުން އިންޑަސްޓްރީއަށް ނުކުމެފައިވާ ޒުވާން ތަރިންގެ މެދުގައި އޮންނަނީ ވަރަށް ވަރުގަދަ އެކުވެރި ބަދަހި ގުޅުމެއް ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، ސަޕޯޓުކުރާ މަންޒަރަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.

އެއީ، މާދުރުން ފިލްމު އިންޑަސްޓްރީއާ ގުޅޭ ތަރިންގެ ފަރާތުން ނުފެންނަ އާދައެއް ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެ މީހެއްގެ ފިލްމެއް ކާމިޔާބީ ލިބުނަސް ނުވަތަ ނުލިބުނަސް އެ ބުނާ 'ނެޕޯ ކިޑްސް' އެކަކު އަނެކަކަށް ހިތްވަރުދޭ މަންޒަރު ސޯޝަލް މީޑިއާގައި ވެސް ފެންނަ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.

ފިލްމީ އާއިލާތަކަށް ނިސްބަތްވާ ތަރިން ކަމަށްވާ ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު އަދި އަނަނިޔާ ޕާންޑޭ--ފޮޓޯ/ކޮއިމޮއި
ދާދި ފަހުން ރިލީޒްކުރި "ޕިރް އާއީ ހަސީން ދިލް ރުބާ"ގެ ބަތަލާއަކީ ވެސް އެއްވެސް ފިލްމީ ބެކްގްރައުންޑެއް ނެތި އަމިއްލަ މަސައްކަތުން އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރި ތަރިއެކެވެ. ތާޕްސީއެކޭ އެއްގޮތަށް ބުރަ މަސައްކަތުން ފިލްމު އިންޑަސްޓްރީއާ ގުޅި ކާމިޔާބީއާ ހަމައަށް ވާސިލުވެފައިވާ ތަރިން ވަރަށް ގިނައެވެ.

ތާޕްސީ ފާހަގަކޮށްފައިވާ ފިލްމީ އާއިލާތަކުން އިންޑަސްޓްރީއާ ދާދި ފަހުން ގުޅުނު ޒުވާނުންގެ ތެރޭ ޝަހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން، ޗަންކޭ ޕާންޑޭގެ ދަރިފުޅު އަނަނިޔާ ޕާންޑޭ، ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު، އަދި ކުރީގެ ބަތަލާ ސްރީ ދޭވީގެ ދެ އަންހެން ކުދިން ހިމެނެއެވެ. މި ހުރިހާ ޒުވާނުންނަކީ ވެސް އަބަދު ވެސް ވަރަށް އެކީގައި ވަގުތުތައް ހޭދަކޮށް ވަރަށް ގިނަ ހަފުލާތަކުންނާއި ޕާޓީތަކުން ވެސް އެކީގައި ފެންނަ ޒުވާނުންނެވެ.