ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް-6 ގެ ދަވާދު ކެހޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޒެޑް ފޯލްޑް-6 ބޭނުންކުރާ ބައެއް ފަރާތްތަކުން، މި ފޯނުގެ ބޮޑީން ކުލަ ނެއްޓެމުންދާ ކަމަށް ރިޕޯޓުކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ސެމްސަންގްއިން ބުނެފައިވަނީ، މިއީ ތިންވަނަ ފަރާތެއްގެ އެކްސެސަރީޒް ބޭނުންކުރުމުގެ ސަބަބުން ދިމާވެދާނެ ކަމެއް ކަމަށެވެ.

ރެޑިޓްގައި ޕޯސްޓްކޮށްފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، ފޯނުގެ ބޮޑީގެ އެކި ހިސާބުތަކުން ކުލަ ނެއްޓިފައިވާ ތަން ފެނެއެވެ. މީގެ ތެރޭގައި ޕަވަރ ބަޓަން ކައިރިންނާއި ފަހަތު ޕެނަލްގެ މަތީ ކަނުން ކުލަ ނެއްޓިފައިވާ ތަން ހިމެނެއެވެ.

ދަވާދު ކެހިފައިވާ ފޯނުތަކެއް ---

ސެމްސަންގްގެ ރަސްމީ ސަޕޯޓް ޕޭޖެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ ދިމާވަނީ "އެކަށީގެންނުވާ ތިންވަނަ ފަރާތެއްގެ އުފެއްދުންތައް" ބޭނުންކުރުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް، ރަނގަޅަށް ގްރައުންޑް ނުކުރެވޭ ހައިސްޕީޑް ތިންވަނަ ފަރާތުގެ ޗާޖަރުތައް ބޭނުންކުރުމުން، ކަރަންޓް ލީކްވެ، ފޯނުގެ އެނޮޑައިޒޭޝަނަށް އަސަރުކޮށް، ކުލަ ނެއްޓުމަށް މަގުފަހިވެދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް، އިތުބާރުހުރި ކުންފުންޏަކުން އުފައްދާފައިވާ، Qi ސްޓޭންޑަޑަށް ފެތޭ، ފެންވަރު ރަނގަޅު ތިންވަނަ ފަރާތެއްގެ ޗާޖަރެއް ނަމަ، ސެމްސަންގް ފޯނުތަކާއެކު ބޭނުންކުރުމަށް ރައްކާތެރި ކަމަށް ވެސް ސެމްސަންގްއިން ބުނެފައިވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ، ސެމްސަންގް ޑިވައިސްއަކަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ "އަސްލު ސެމްސަންގް ޗާޖަރެއް" ބޭނުންކުރުން ކަމަށް ލަފާދީފައިވެއެވެ.

ގެލެކްސީ ޒެޑް ފޯލްޑް-6 އަކީ ޖުލައި 10 ގައި ޕެރިހުގައި ބޭއްވުނު ގެލެކްސީ އަންޕެކްޑް އިވެންޓްގައި ތަޢާރަފުކުރި ފޯނެކެވެ. މި ފޯނުގައި ހިމެނެނީ 7.6 އިންޗީގެ މައި ސްކްރީނަކާއި 6.3 އިންޗީގެ ބޭރު ސްކްރީނެކެވެ. އަދި ސްނެޕްޑްރެގަން-8 ޖެން-3 ޕްރޮސެސަރަކާއި 4,400mAh ބެޓެރީއެއް ވެސް ހިމެނެއެވެ.