02 Sep 2024, 00:41
ގާނޫނަކުން މަނާކޮށްފައި ނެތީސް، ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯ ނެގުމުން ފޯނު ހިފެހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޝާރާތް ކުރައްވައިފައި ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނިކޮށް، އެ މަނިކުފާނުގެ ފޮޓޯއެއް ނެގި މީހެއްގެ ފޯނު ހިފެހެއްޓި މައްސަލައިގައެވެ.
ފައްޔާޒު ވިދާޅުވީ، ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމެއްކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ އެ ހައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރެވޭ ގާނޫނަކުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާންމު ތަނެއްގައި އުޅުއްވާ މަންޒަރު ފޮޓޯ ނަގައި އާންމުކުރުން މަނާކުރާ ގާނޫނެއް ނެތީސް، އެ އަމަލާ ގުޅުވައި މީހެެއްގެ މައްޗަށް ޖިނާއީ ކުށްތަކެއްގެ ތުހުމަތުކޮށް، ޒާތީ މުދާ އަތުލުމުގެ އަމުރަށް އެދުމާއި އެފަދަ އަމުރުތައް ނެރެދިނުމަކީވެސް ކަންބޮޑުވާކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި މީއީ މި ދައުލަތުން ގާނޫނީ ވެރިކަމުގެ ސިފަތައް ނެތިގެން ދާކަމުގެ ނުރައްކަލުގެ "ފެހި ސިގްނަލެއް" ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
ފުލުހުން އެ މައްސަލައާ ގުޅޭ ގޮތުން ބުނެފައި ވަނީ މައްސަލައެއްގެ ތަހުގީގަށް ދިވެހި ފިރިހެނެއްގެ ފޯނު ފުލުހުން ހިފަހައްޓައިފައިވާ ކަމަށާއި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.