ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑޫ މަގުބޫލުކަމެއް ހޯދި ލޯބީގެ ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސީކުއަލްއެއް އުފައްދަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމު 2016 ވަނަ އަހަރު ރިލީޒްކުރި ނަމަވެސް މިހާތަނަށް ވެސް ފިލްމުގެ ވާހަކައާއި މިއުޒިކް ބެލުންތެރިންގެ ހަނދާނުން ފޮހެލެވިފައެއް ނުވެއެވެ. ފިލްމަށް ވަފާތެރި ބޮޑު ފޭން ބޭސްއެއް އޮތްއިރު މި ފިލްމުގެ ސީކުއަލްއެއް ރިލީޒްކުރާ ޚަބަރަކީ އެފަދަ ސަޕޯޓަރުންނަށް ނުހަނު ބޮޑު އުފާވެރިކަމެއް ގެނެސްދޭނެ ޚަބަރެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ޑައިރެކްޓަރުން ކަމަށްވާ ރާދިކާ ރާއޯ އަދި ވިނޭ ސަޕްރޫ އަންނަނީ މި ފިލްމުގެ ސީކުއަލްއެއް އުފެއްދުމުގެ ތައްޔާރީތައް ވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ސީކުއަލް އުފައްދަން ނިންމާފައިވަނީ މުޅިން އާ ތަރިންނާ އެކުގައެވެ. ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާގައި ފިލްމު އޮތްއިރު ފިލްމު ބިނާކުރާނެ ވާހަކައަކާ މެދު އަންނަނީ މަޝްވަރާކުރެވެމުންނެވެ.

ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމު އުފައްދަން ނިންމާފައިވަނީ "ޖާނަމް ތެރީ ކަސަމް"ގެ ނަމުގައި މިއުޒިކަލް ފިލްމެއްގެ ގޮތުގައެވެ. ފިލްމުގައި ލީޑް ރޯލް ކުޅެން ޕްރޮޑިއުސަރުން ބޭނުންވަނީ ލަވަކިޔުމުގެ ހުނަރު ހުރި ބަތަލާއެއް ކަމަށާއި މި ފިލްމަކީ މަޝްހޫރު ލޯބީގެ ފިލްމު "އާޝިޤީ2"އާ ވަރަށް ވައްތަރު ފިލްމަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނު ބަތަލާ މާވްރާ ހޮސޭން އަދި ހަރްޝްވަރުދަން ރާނޭ ލީޑު ރޯލް ކުޅުނު "ސަނަމް ތޭރީ ކަސަމް"އަކީ ބަތަލާ މާވްރާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.