އައިފޯނަށް ލޯބިކުރާ ގިނަބަޔަކު އިންތިޒާރު ކުރަމުން އައިއައިފޯން 16 ސީރީޒް މިރޭ ތަޢާރަފުކުރުމަށް އެޕަލް ކުންފުނިން މިވަނީ ތައްޔާރުވެފައެވެ.

މި ޚާއްސަ އިވެންޓް ބާއްވާނީ ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލްގެ މައި އޮފީހުގައި ރާއްޖެ ގަޑިން 22:00ގައެވެ.

މިރޭގެ މިޚާއްޞަ އިވެންޓް ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާއިރު، މި އިވެންޓްގައި އެޕަލްއިން ތަޢާރަފުކުރާނީ އައިފޯންގެ ހަތަރު މޮޑެލްއެކެވެ. އެއީ އައިފޯން 16، 16 ޕްލަސް، 16 ޕްރޯ އަދި 16 ޕްރޯ މެކްސްއެވެ. މިއިން ކޮންމެ މޮޑެލްއެއްގައި ވެސް އެކި ޔޫޒަރުންނަށް އަމާޒުކޮށްގެން އެކި ފީޗާތައް ހިމަނާފައިވާނެއެވެ.

މި އައު މޮޑެލްތަކުގައި ހުންނާނީ މީގެކުރީގެ މޮޑެލްތަކަށްވުރެ ހަލުވި ޕްރޮސެސަރުތަކާއި މެމޮރީއެވެ. މީގެ ސަބަބުން ފޯނު ބޭނުންކުރާއިރު ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ގިނަ އެޕްލިކޭޝަންތަކެއް އެއްފަހަރާ ހިންގުމުގެ ޤާބިލުކަން އިތުރުވާނެއެވެ.

އައިފޯން 16 އަދި 16 ޕްލަސް މޮޑެލްތަކުގައި ހުންނާނީ 6.1 އިންޗި އަދި 6.7 އިންޗީގެ ސްކްރީނެވެ. މި ދެ މޮޑެލްގެ ބޭރުގައި ހުންނާނީ އެލުމިނިއަމް ކޭސްއެކެވެ. މީގެ އިތުރުން މި ދެ މޮޑެލްގައިވެސް ފަހަތުގައި ހުންނަ ކެމެރާތައް ޑިޒައިން ކޮށްފައިވާނީ ވަށްކޮށެވެ.

ޕްރޯ މޮޑެލްތަކުގައި ހުންނާނީ 6.3 އިންޗި އަދި 6.9 އިންޗީގެ ސްކްރީނެވެ. މި ދެ މޮޑެލްގައި ސްކްރީނުގެ ބޯޑަރު ވަނީ ކުރީގެ މޮޑެލްތަކަށްވުރެ ތުނިކޮށްފައެވެ. މީގެ ސަބަބުން ސްކްރީން އިތުރަށް ބޮޑުވެ، ފޯނުގެ ސައިޒް ކުޑަވާނެއެވެ.

"އެޕަލް އިންޓެލިޖެންސް" ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ގިނަ ފީޗާތަކެއް ވެސް މި އައު މޮޑެލްތަކުގައި ހިމެނޭނެއެވެ. މި ފީޗާތަކުގެ ސަބަބުން ފޯނު ބޭނުންކުރުން އިތުރަށް ފަސޭހަވެ، ބެޓެރީގެ ބޭނުން އިތުރަށް އޮޕްޓިމައިޒްވާނެއެވެ.

ޕްރޯ މޮޑެލްތަކުގައި ހުންނާނީ 48 މެގަޕިކްސެލްގެ އަލްޓްރަވައިޑް ކެމެރާއެކެވެ. މީގެ އިތުރުން މި މޮޑެލްތަކުގައި ފަސް ގުނަ އޮޕްޓިކަލް ޒޫމްވެސް ހިމެނޭނެއެވެ. އަދި ފޮޓޯ އަދި ވީޑިއޯ ނެގުމަށް އާ ބަޓަނެއް ވަނީ ތަޢާރަފުކޮށްފައެވެ.

ހުރިހާ މޮޑެލްތަކެއްގައިވެސް ހިމެނޭނީ އަށް ޖީބީގެ މެމޮރީއެވެ. މިއީ އެޕަލް އިންޓެލިޖެންސްގެ ފީޗާތައް ރަނގަޅަށް ހިންގުމަށް ބޭނުންވާ މިންވަރުގެ މެމޮރީއެވެ. ޕްރޯ މޮޑެލްތަކުގައި އޭއައި މަސައްކަތްތަކަށް އަމާޒުކޮށްގެން ހަދާފައިވާ އިތުރު ޕްރޮސެސަރެއްވެސް ހިމެނޭނެއެވެ.

މިފަހަރު ނެރޭ ހުރިހާ މޮޑެލްތަކެއްގައިވެސް އެކްޝަން ބަޓަން ހިމެނޭނެއެވެ. މި ބަޓަނަކީ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކުރެވޭ ބަޓަނެކެވެ. މީގެ ސަބަބުން ފޯނު ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.

މީގެ އިތުރުން ސްޕެޝަލް ވީޑިއޯ ރެކޯޑިން ފީޗާ ހުރިހާ މޮޑެލްތަކެއްގައި ވެސް ހިމެނޭނެއެވެ. މި ފީޗާގެ ސަބަބުން 3ޑީ ވީޑިއޯ ކްލިޕްތައް ނެގުމުގެ ފުރުސަތު ލިބޭނެއެވެ. މި ވީޑިއޯތައް އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓްގައި ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

މި ހުރިހާ ބަދަލުތަކާއެކު މިރޭ ރިލީޒްކުރާ އައިފޯން ތަޖުރިބާކޮށްލުމަށް ގިނަބަޔަކު ތިބީ އިންތިޒާރުގައެވެ.