ކުޅުދުއްފުށި ސިޓީ ފަޅު ތެރެއިން މަރުވެފައި އޮތް ފިރިހެނަކު މިއަދު ފެނިއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުޙައްމަދު މޫސާ "ސަން"އަށް ވިދާޅުވީ އެ މީހާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންދިޔައީ 8:38ހާއިރު ކަމަށެވެ.

އެއީ 36 އަހަރުގެ، އެ ސިޓީއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު "ސަން"އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ، އެ ސިޓީގެ ޑެއިޒީފެހި، މުޙައްމަދު ހަސަން ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ހޮސްޕިޓަލާ ހަވާލާދީ އަލީ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ ކުޅުދުއްފުށީ ފަޅު ތެރޭގައިއާއި ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންނެވެ.

އިއްޔެ ނ. ހޮޅުދޫން ވެސް މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ.

ހޮޅުދުއިން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނިފައިވަނީ ޒަޚަމްތަކަކާއެކުގައެވެ. އެ މަރުގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.