މި އަހަރުގެ މާޗް މަހު ފަހުކޮޅު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އެކްޓަރު ކަޕިލް ޝަރުމާގެ 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ދެވަނަ ސީޒަންގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

ދެވަނަ ސީޒަންގެ އެޕިސޯޑުތަކުން ވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އޭ-ލިސްޓު ތަރިންގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އިންޑިއާއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދީފައިވާ ތަރިން ފެންނާނެއެވެ.

މި ފަހަރުގެ ސީޒަންގެ އެޕިސޯޑު ތަކުން ފެންނާނެ މުހިއްމު ފިލްމީ ތަރިންގެ ތެރޭ ބަތަލާ އާލިއާ ބަޓް، ޖާންވީ ކަޕޫރު، ކުރީގެ މަޝްހޫރު ފިލްމީ ތަރި ނީލަމް، ޖޫނިއަ އެންޓީއާރު، ސައިފް އަލީ ޚާން، ވެދާންގް ރައިނާ އަދި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހިމެނެއެވެ.

ބަތަލާ އާލިއާ ބަޓް އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭ ހިމެނޭ ކަޕިލްގެ މި ޝޯ ޕްރިމިއާ ކުރަން ފަށާނީ މި މަހުގެ 21ވާ ހޮނިހިރު ދުވަހުއެވެ.

ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ވެސް ބެލުންތެރިން ހެއްވާލުމަށް ކަޕިލްގެ ޓީމުން ތައްޔާރަށް ތިބި ކަމަށް ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރު ވަނީ ބުނެފައެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ފުރަތަމަ ސީޒަންގައި 13 އެޕިސޯޑު ގެނެސްދިންއިރު ޝޯގައި ބައިވެރިވި ސެލެބްރިޓީ މެހެމާނުންގެތެރޭ ރަންބީރު ކަޕޫރު، ނީތޫ ކަޕޫރު، ރިދިމާ ކަޕޫރު، ސަނީ ޑިއޯލްގެ ދެބެއިން، ކާތިކް އާރްޔަންގެ އާއިލާ، އާމިރު ޚާން އަދި ވެބް ސީރީސް "ހީރާމަންޑީ"ގެ ކާސްޓުން ހިމެނެއެވެ.

މީގެ އިތުރުން މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރީން ވެސް ވަނީ ފުރަތަމަ ސީޒަންގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.