ސީޒަނެއްގައި ކުޅޭ މެޗުތަކުގެ އަދަދު އާދަޔާ ޚިލާފަށް ގިނަވަމުންދާތީ އެކަމަށް ހައްލެއް ހޯދައި، މެޗުތަކުގެ އަދަދު މަދު ކުރުމުގެ ޑިމާންޑްތަކުގައި އިސްދައުރެއް އަދާކުރަންޖެހޭނީ ކުޅުންތެރިންކަމުގައި އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސް ފެށުމުގެ ކުރިން ވާހަކަ ދައްކަމުން ފާހަގަ ކޮށްލޭވޭ ބައެއް ކުޅުންތެރިން މިކަމާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަ ތަކާއި މެދު ދެކޭގޮތް ހާމަކުރަމުންނެވެ. ސިޓީގެ މެދުތެރެއަށް ކުޅޭ ސްޕެއިންގެ ބައިނަލްއަޤްވާމީ މިޑްފީލްޑާ ރޮޑްރީ މިދިޔަ އަންގާރަ ދުވަހު ބުނިގޮތުގައި ފުޓުބޯޅަ ކުޅުންތެރިން މިހާރު ވަނީ ކުޅޭ މެޗުތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުންދާތީ ހަޅުތާލު ކުރުމާ ގާތަށް ގޮސްފައެވެ.

ޕެޕް ހާމަކުރިގޮތުގައި މިކަމަށް ހައްލެއް ގެންނަން ބޭނުންވާކަމުގައިވާނަމަ އެކަމުގައި ކުޅޭ ކުޅުންތެރިން އިސްނެގުން ވަރަށް މުހިންމެވެ. އެއީ މިކަމަށް ހައްލެއް ގެނެވޭނެ ހަމައެކަނި ބަޔަކީ ކުޅުންތެރިންކަމަށްވާތީއެވެ. ޕެޕް ސިފަކުރީ މިވިޔަފާރި ކޯޗުންނާއި ސްޕޯޓިން ޑިރެކްޓަރުންނާއި މީޑިއާ އަދި ކްލަބްތަކުގެ ވެރިންނާއި ނުލާވެސް ކުރިއަށް ގެންދެވިދާނެ ނަމަވެސް ކުޅުންތެރިންނާ ނުލާ ކުރިއަށް ނުގެންދެވޭނެކަމަށެވެ. އެހެން ކަމުން މިކަމަށް ހައްލެއް ގެނެވޭނެ ހަމައެކަނި ބަޔަކީ އޭނާ ގަބޫލު ކުރާގޮތުގައި ކުޅުންތެރިންކަމަށް ޕެޕް ވިދާޅުވިއެވެ.

ބުނެވޭގޮތުގައި މިފަހަރުގެ ސީޒަން ބައެއް ކްލަބްތައް މިއަންނަ އަހަރުގެ ޖުލައި މަހުގެ 13ވަނަ ދުވަހާ ހަމައަށް ކުރިއަށް ދިއުމަކީ ގާތްކަމެކެވެ. އެއީ މިއަންނަ އަހަރު ފީފާއިން ބޭއްވުމަށް ނިންމާފައިވާ ކްލަބް ވާލްޑް ކަޕް ނިމޭ ތާރީހެވެ.

މެންޗެސްޓާ ސިޓީއަށް ބަލާނަމަ އެކްލަބުން މިސީޒަންގައި ކުޅޭ މެޗުތަކުގެ އަދަދު 76އަށް އެރުމަކީ ގާތް ކަމެކެވެ. އެއީ ޕްރިމިއާ ލީގާއި އެފް އޭ ކަޕް، ލީގު ކަޕް، ޗެމްޕިއަންސް ލީގު، ކްލަބް ވާލްޑް ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހިމަނައިގެންނެވެ. އަދި މީގެ އިތުރަށް ސިޓީގެ ގިނަ ކުޅުންތެރިންނަކީ އެކުޅުންއތެރިންގެ ޤައުމު ތަމްސީލް ކުރާ ކުޅުންތެރިންކަމުން ކުޅުންތެރިން ކުޅޭ މެޗު ތަކުގެ އަދަދު އިތުރު ވާނެއެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވެސް ވަނީ ޕެޕްގެ ވާހަކައަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ވެސް ހާމަކުރިގޮތުގައި ސީޒަނެއްގައި ކުޅުންތެރިން ކުޅެންޖެހޭ މެޗުތަކުގެ އަދަދު މިހާރު ވަނީ ގަބޫލު ކުރެވޭ ވަރަށް ވުރެ އިތުރު ވެފައެވެ. މިއީ ގޯހެއް ކަމަށާއި މިކަމަށް ހައްލެއް ގެނެވޭނެ ހަމައެކަނި ބަޔަކީ ކުޅުންތެރިންކަމުގައި މަރެސްކާ ވެސް ވިދާޅުވިއެވެ.

ޖަރުމަނު ބުންޑެސްލީގާގެ އެންމެ ކާމިޔާބު ކްލަބްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބަޔޭން މިޔުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހާމަކުރިގޮތުގައި ސީޒަނެއްގައި ކުޅުންތެރިއަކަށް ކުޅެވޭނެ މެޗުތަކުގެ އަދަދުގައި ކެޕެއް އެޅުވެން ޖެހެއެވެ. ކޮމްޕެނީ ހާމަކުރިގޮތުގައި ސީޒަނެއްގައި 75، 80 މެޗު ކުޅުމަކީ ހަގީގަތާ ހިލާފު ކަމެކެވެ. އަދި އޭނާ އަބަދު ވެސް ވަކާލާތުކުރާ ހައްލަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ސީޒަނެއްގައި ކުޅެވޭނެ މެޗުތަކުގެ އަދަދެއް ކަނޑައެޅުމެވެ. އޭރުން އެކުޅުންތެރިއަކަށް ސީޒަނެއްގައި އެއަށް ވުރެ ގިނަ މެޗެއް ނުކުޅެވޭނެއެވެ. މިސީޒަންގައި ބަޔޭން 64 މެޗު ކުޅުމަކީ ގާތް ކަމެކެވެ.

މިއީ ކުޅުންތެރިންނާއި ކޯޗުން މިކަމާއި ދޭތެރޭ ދެކޭގޮތެވެ. ނަމަވެސް މިކަމާއި އެއްބަސްވުމާއެކު އަނެއް ފަޅިން ވާހަކަ ދައްކާ ފަރާތްތަށްވެސް މަދެއް ނޫނެވެ. އެފަރާތްތަކުން ހާމަކުރާގޮތުގައި މެޗު ތަކުގެ އަދަދު އިތުރު ވުމުގެ އިތުރުން ކުޅުންތެރިންގެ އަގު އަތު ނުޖެހޭ ދަރަޖައަށް އަރައިގެންދާދިއުމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަން ޖެހެއެވެ. އެފަރާތްތަކުން ހާމަކުރާގޮތުގައި ފުޓްބޯޅައިގެ ވިޔަފާރި މިދަނީ އާދަޔާ ހިލާފަށް ބޮޑުވަމުންނެވެ.