އެލްފަބެޓްގެ ސަބްސިޑިއަރީއެއް ކަމަށްވާ ގޫގުލްއިން، ވޯކްސްވެގަން ކާރު ދުއްވާ ފަރާތްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓަންޓެއް ތަޢާރަފުކޮށްފިއެވެ. މި އެސިސްޓަންޓަކީ ސްމާޓްފޯނު އެޕެއްގެ ސިފައިގައި ލިބޭ ޚިދުމަތެކެވެ.

މި އެޕް މެދުވެރިކޮށް ކާރު ދުއްވާ ފަރާތްތަކަށް "ފުރޮޅު ބަދަލުކުރާނީ ކިހިނެއްތޯ؟" ފަދަ ސުވާލުތައް ކުރެވޭނެއެވެ. އަދި ފޯނުގެ ކެމެރާ ކާރުގެ ޑޭޝްބޯޑަށް ދިމާކޮށްލުމުން، އެއާ ގުޅޭ މަޢުލޫމާތު ލިބޭނެއެވެ.

މި އޭއައި އެސިސްޓަންޓް މަސައްކަތްކުރަނީ ގޫގުލްގެ ޖެމިނައި ލާޖް ލެންގުއޭޖް މޮޑެލްއާއި ކްލައުޑް ކޮމްޕިއުޓިންގެ ޤާބިލުކަން ބޭނުންކޮށްގެންނެވެ. އަދި މީގެ އިތުރުން ވޯކްސްވެގަން އޯނާސް މެނުއަލްތަކާއި ކާރު މަރާމާތުކުރުމާ ގުޅޭ ޔޫޓިއުބް ވީޑިއޯތަކުގެ މަޢުލޫމާތު ވެސް ހިމެނިފައިވެއެވެ.

ގޫގުލް ކްލައުޑްގެ ސީއީއޯ ތޯމަސް ކޫރިއަން ވިދާޅުވި ގޮތުގައި މި އުފެއްދުން ތައްޔާރުކުރުމަށް ޓެކްސްޓާއި، އިމޭޖާއި، ވީޑިއޯ ފަދަ އެކި ބާވަތުގެ ޑޭޓާ ޕްރޮސެސްކުރުމުގެ ޓެކްނިކަލް ގޮންޖެހުންތަކެއް ހުރަސްކުރަން ޖެހުނެވެ.

މި އޭއައި އެސިސްޓަންޓް ބޭނުންކުރެވޭނީ ވޯކްސްވެގަންގެ އެޓްލަސް އަދި އެޓްލަސް ކްރޮސް ސްޕޯޓް މޮޑެލް ތަކަށެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އުފެއްދި އެހެން މޮޑެލްތަކަށް ވެސް މި ޚިދުމަތް ލިބޭނެއެވެ.

ވޮކްސްވެގަން އަކީ ޖަރުމަނުގެ ލޯޔާ ސެކްސޮނީގެ ވުލްފްސްބާގްގައި ހުންނަ ޖަރުމަނުގެ އޮޓޯމޯބައިލް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ނާޒީ ޕާޓީގެ ދަށުން ޖަރުމަނު ލޭބާ ފްރަންޓުން 1937ވަނަ އަހަރުއެވެ.

ގޫގުލްގެ ކްލައުޑް ކޮމްޕިއުޓިން ވިޔަފާރިން 2023ވަނަ އަހަރު 33 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ. އަދި މިއަހަރު ވެސް އޭއައި ހައްލުތަކުން އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ލިބިފައިވާ ކަމަށް ކުންފުނިން ބުނެފައިވެއެވެ.