ނިސްބަތުން ދިވެހިރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމް ކަމަށާއި އެ ކަންކަމަށް އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން މިރޭ ވިދާޅުވެފައެވެ.

މި ކަން ފާހަގަ ކުރައްވައި، ރައީސަށް ތަހުނިޔާ ވިދާޅުވެ އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑުމަޑުނޫންކަން ރައީސް ސާބިތުކޮށްދެއްވައިފި ކަމަށެވެ. ރައީސްގެ ހަރުދަނާ ސިޔާސަތާއި މާދަމާއަށް ކުރައްވާ އުންމީދާއި، ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް ރައީސް އަލިއަޅުއްވައިލެއްވީ ހުއްޖަތާއި ދަލީލުތައް ދައްކަވައި، ދިވެހީން ފަޚުރުވެރިކުރުވަމުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސްގެ ތަގުރީރުގައިވަނީ އިޒްރޭލުން ފަލަސްތީނުގައި އެތައް ހާސް މީހުންނެއް މަރަމުން އަންނައިރު ދުނިޔެއަށް އެކަން އިހުސާސް ނުކުރެވިގެން އުޅެނިކޮށް ލުބުނާންގައި އަނެއްކާ އިޒްރޭލުން އެތައް ސަތޭކަ މީހުންނެއް މަރައިލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމަ ކަވަރުކުރަން އުޅޭ ނޫސްވެރިންނާ އަމާޒުކޮށްގެން އިޒްރޭލުން ހަމަލާތައްދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގޮތަށް އެކަންކުރަނީ ދުނިޔެއަށް ހަގީގަތް ފޮރުވަން ކަމަށެވެ.

އެހެންވެ، އެ ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 2040 ވަނަ އަހަރު، 75 އަހަރު ފުރޭއިރު އެ މަނިކުފާނުގެ އަމާޒަކީ އެހާ ހިސާބަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.