އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ގޫގުލްއިން އިންސާނުންގެ މަސައްކަތްތަކަށް ބޭނުންކުރަމުންދާ ކޮމްޕިއުޓަރުތައް ކޮންޓްރޯލްކޮށް، އެކި މަސައްކަތްތައް ކުރެވޭ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެއް ތަރައްޤީކުރަމުންންދާ ކަމަށް "ދަ އިންފޮމޭޝަން" އިން ހޯދާފައިވާ މަޢުލޫމާތުތަކަކަށް ބިނާކޮށް ރިޕޯޓުކޮށްފިއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި "ޕްރޮޖެކްޓް ޖާވިސް" ގެ ނަމުގައި ކޯޑްކޮށްފައިވާ މި އައު ޓެކްނޮލޮޖީން ވެބް ބްރައުޒަރުތައް ކޮންޓްރޯލްކޮށް، ރިސާޗްކުރުމާއި އޮންލައިން ޝޮޕިން ފަދަ މަސައްކަތްތައް ކުރެވޭނެއެވެ.

މި އައު ޓެކްނޮލޮޖީ ޑިސެމްބަރު މަހު ދައްކާލުމަށް ގޫގުލްއިން ރާވާފައިވާ ކަމަށް، މި މަޝްރޫއާ ގުޅޭ ސީދާ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކެއްގެ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މައިކްރޯސޮފްޓްގެ އެހީތެރިކަން ލިބިގެން ހިންގާ އޯޕަންއޭއައި އިންވެސް މިފަދަ ޓެކްނޮލޮޖީއެއް ތަރައްޤީކުރަމުންދާ ކަމަށް ޖުލައި މަހު ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

އެ ކުންފުނިން ތަރައްޤީކުރާ ޓެކްނޮލޮޖީއަކީ "ކޮމްޕިއުޓަރ ޔޫޒިން އޭޖެންޓް" (ސީޔޫއޭ)ގެ ނަމުގައި ހަވާލާދެވޭ، އަމިއްލައަށް ވެބް ބްރައުޒްކޮށް ރިސާޗްކުރެވޭ އޭއައި އެކެވެ.

އެންތްރޮޕިކް އަދި ގޫގުލްއިން މި ކޮންސެޕްޓް އިތުރަށް ކުރިއަރުވައި، މީހުންގެ ކޮމްޕިއުޓަރު ނުވަތަ ބްރައުޒަރާ ސީދާ ގުޅުވައިގެން މަސައްކަތްކުރެވޭ ސޮފްޓްވެއާއެއް ތަރައްޤީކުރަމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓާ ގުޅިގެން ގޫގުލްއިން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ އިންސާނުންގެ ވިސްނުމާއި ސިކުނޑީގެ މަސައްކަތްތައް ކޮމްޕިއުޓަރުތަކަށް ދަސްކޮށްދިނުމުގެ ސައިންސެވެ. މިއީ ވަރަށް އަވަހަށް ކުރިއަރަމުންދާ ދާއިރާއެކެވެ.

އޭއައި ގެ ސަބަބުން އިންސާނުންނަށް ކުރަން އުނދަގޫ ނުވަތަ ގިނަ ވަގުތު ނަގާ މަސައްކަތްތައް އަވަހަށް އަދި ފަސޭހައިން ކުރެވޭނެއެވެ. ނަމަވެސް، އޭއައި ގެ ސަބަބުން ވަޒީފާތައް ގެއްލުމާއި، ޕްރައިވަސީއަށް ނުރައްކާވުން ފަދަ ކަންބޮޑުވުންތައް ވެސް އުފެދެމުންދެއެވެ. އެހެންކަމުން، މި ޓެކްނޮލޮޖީ ތަރައްޤީކުރުމުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމުގައި މިދާއިރާގެ އެންމެވެސް ގަބޫލުކުރެއެވެ.