27 Jan 2025, 11:51
އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ވެގެންދިޔައީ ދެޓީމަށް ވެސް މާ ފަސޭހަ މެޗަކަށް ނޫނެވެ. މިގޮތުން ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމަށް ވެސް މާރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
މިގޮތުން ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 78ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ޑިފެންޑާ ލިސާންޑްރޯ މާޓިނޭޒްއެވެ. މިއީ މުޅި މެޗުގައި ވެސް ޔުނައިޓެޑަށް ފުލަމްގެ ގޯލަށް އަމާޒު ކުރެވުނު ހަމައެކަނި ހަމަލާއެވެ.
މިމެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ އަމަޑު ޑިއާލޯއަށް ލަނޑެއް ކަމިޔާބު ކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް އޭނާ ޖެހި ލަނޑުވަނީ ވީއޭއާރުން ބެލުމަށްފަހު އޮފް ސައިޑް ކަމަށް ދައްކާފައެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އަދި ފުލަމް އުޅެނީ 33 ޕޮއިންޓާއެކު ތާވަލްގެ 10ވަނައިގައެވެ. މިމުބާރާތުގައި ލެސްޓާ ސިޓީ އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ލެސްޓާއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 33ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައި ވަނީ ސްޕާސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ރިޗާލިސަންއެވެ. ނަމަވެސް ލެސްޓާއިން ވަނީ ދެވަނަ ހާފުގައި ޖޭމީ ވާޑީ އާއި ބިލާލް އެލް ހަނޫސް ކާމިޔާބު ކޮށްދިން ދެ ލަނޑުން މިމެޗުގެ ލީޑު ނަގާ މެޗު ކާމިޔާބު ކޮށްފައެވެ. މިނާކާމިޔާބީއާއެކު ސްޕާސް މިވަނީ ޕްރިމިއާ ލިގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައެވެ. މިކާމިޔާބީއާއެކު ލެސްޓާ މިހާރު މިވަނީ 17 ޕޮއިންޓާއެކު ތާވަލްގެ 17ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސްޕާސް މިހާރު އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 15ވަނައިގައެވެ.
މީގެއިތުރުން އެސްޓަން ވިލާ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވީ އިރު ބްރެންޓްފަޑް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބްރެންޓްފަޑްއެވެ.