ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުން ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުގެ ގޮތުން ހަތަރު ފަޅު ރަށެއް، ތިން ކައުންސިލަކާ ހަވާލުކޮށްފައެވެ.

ކައުންސިލްތަކާ ފަޅުރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިއަދު ފެނުނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ރައީސްގެ ވައުދު ފުއްދަވާތަން ކަމަށެވެ. ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި މާލީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ވިސްނަވާކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ މިއަދު ފެނިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ވެސް ސިފައެއްގައި ނަމަވެސް މިއަދު މި ލިބުނީ ލާމަރުކަޒީ ނިޒާމަށް ބޮޑު ކުރިއެރުމެއް. މީގެ ކުރިން އެފަދަ ނިޒާމެއް ކަނޑައެޅިފައެއް ނެތް. ގޮންޖެހުންތަކާ އެކު ވެސް ހަރުދަނާ އުސޫލުތައް ގާއިމުކުރައްވައި ރައީސް ކުރެއްވި މަސައްކަތަކީ ބުރަ މިންނެތް މަސައްކަތެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމަށް ހަތަރު ސިޔާސަތެއް މިނިސްޓްރީން ގެންގުޅުއްވާ ކަމަށެވެ. އެއީ:

  • ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން.

  • ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުން.
  • ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މުއައްސަސާތައްކަމުގައި ހެދުން.
  • ކައުންސިލްތަކާ އެލްޖީއޭއަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ތެރެއިން ފޯރުކޮށްދިނުން.

ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓްރީގައި ތިއްބަވަނީ ވަރަށް ފަރިތަ ބޭފުޅުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކާ ވަރަށް ބަދަހި ގުޅުމެއް ގާއިމުވެއްޖެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި، މުޅި ދައުލަތުގެ ތެރޭގައި ވެސް ކައުންސިލްތަކާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާ ވެސް ވަރަށް ބަދަހި ގާތްގުޅުމެއް އޮންނަންޖެހޭ. އަދި މަޝްވަރާކުރުމުގެ އުސޫލު ވަރަށް ބޮޑަށް އާންމުކުރަންޖެހޭ. ޚާއްސަކޮށް ރައްޔިތުންނާ މަޝްވަރާކުރުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ކައުންސިލްގެ އިޚުތިސާސުން ބޭރުން، ފަޅު ރަށްތައް ކައުންސިލްތަކަށް ދޫކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ.

އެގޮތުން، މިއަދު ފަޅު ރަށްތައް ހަވާލުކުރި ކައުންސިލްތަކަކީ:

  • ރ. އިނގުރައިދޫ ކައުންސިލް - ހަވާލުކުރި ފަޅު ރަށަކީ ރ. ނެޔޮ

  • ދ. އަތޮޅު ކައުންސިލް - ހަވާލުކުރި ފަޅު ރަށްތަކަކީ ދ. މިނިމަސްގަލި އަދި ދ. ފެންފުށި
  • ލ. މާވަށު ކައުންސިލް - ހަވާލުކުރި ފަޅު ރަށަކީ ލ. ބޮޑުމާބުޅާލި

ފާހަގަކޮށްލެވޭ ގޮތުގައި ކައުންސިލްތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.