30 Nov 2025, 09:22

ބޮލީވުޑްގައި ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ސުނިލް ޝެޓީއަށް އިންޑިއާގެ ދެކުނު ސިނަމާއިން ފުރުސަތުތައް ލިބުނު ނަމަވެސް އެ ސިނަމާގެ ފިލްމުތައް ނުކުޅޭ ސަބަބު ބުނެދީފިއެވެ.
ސައުތު ސިނަމާގެ ގިނަ ފިލްމުތަކުން މިފަހުން ފެންނަ ބޮލީވުޑްގެ އެކްޓަރުންނަކީ ވިލެންއިންގެ ގޮތުގައި އެ ސިނަމާއިން ޕްރެޒެންޓްކޮށްދޭތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށް ސުނިލް ވަނީ ބުނެފައެވެ.
އިންޑިއާގެ ނޫސް މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ ސައުތު ސިނަމާގައި މިފަހުން މަސައްކަތްކޮށްފައިވާ ވަރަށް ގިނަ އެކްޓަރުން ކުޅެފައި ވަނީ ވިލެންގެ ރޯލްތައް ކަމަށާއި އެކަން މިހާރު ޓްރެންޑަކަށް ވެފައިވާ ކަމަށެވެ.
ސައުތު ސިނަމާގެ ފިލްމުތަކަކީ ވަރަށް ބާރުވެރި ފިލްމުތަކެއް ކަމަށާއި އެ ނޫން ރޯލްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ބޮލީވުޑްގެ އެކްޓަރުންނަށް ވެސް ދޭންވާނެ ކަމަށް ސުނިލް ވަނީ ބުނެފައެވެ.
ވިލެންއިންގެ ރޯލްތަކުން ބޮލީވުޑް އެކްޓަރުން ފެނުމަކީ ދެކުނު އިންޑިއާގެ ފިލްމުތަކަށް ލިބޭ ކުރިއެރުމެއް ނަމަވެސް އެކަމުން ގިނަ ފަހަރަށް އެ އެކްޓަރުންނަށް ލިބޭ ކުރިއެރުމާމެދު ވެސް ވިސްނާލަންޖެހޭ ކަމަށް ފިލްމު "މޮހޮރާ" އަދި "ބޯޑާ" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ވަނީ ބުނެފައެވެ.

ސުނިލް ސައުތު ސިނަމާގެ އެކްޓަރު ރަޖްނީކާންތުއާ އެކު--ފޮޓޯ/ފިލްމުފެއަ
ސުނިލް މިހާތަނަށް މަސައްކަތް ކުރި ދެކުނު އިންޑިއާގެ ފިލްމުތަކުގެތެރެއިން ވިލެންގެ ރޯލް ކުޅުނު ފިލްމަކީ 2020ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ދަރުބާރު"ގައެވެ.
އެ ފިލްމުގައި ވިލެންގެ ރޯލް ކުޅެން އެއްބަސްވީ ސައުތު ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރަޖްނީކާންތުއާ އެކު މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ސުނިލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ކޭސަރީ ވީރް" އަދި "ނާދާނިޔާން"އިންނެވެ. އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ވެލްކަމް ޓު ދަ ޖަންގަލް" އަދި "ހެރާ ޕެރީ 3" ހިމެނެއެވެ.