ލަންކާ ވިއްސާރަ: ޖަޕާނުން އެހީތެރިކަން ފޯރުކޮށްދެނީ
ލަންކާ ވިއްސާރަ: ޖަޕާނުން އެހީތެރިކަން ފޯރުކޮށްދެނީ

ތޫފާން 'ދިތްވާ' ގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުން ދާއިރު، ޖަޕާނުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ޖަޕާނު ސަރުކާރުން ބުނި ގޮތުގައި ލަންކާއަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) މެދުވެރިކޮށް އެސެސްމަންޓް ޓީމެއް ފޮނުވަން ވަނީ ނިންމާފައެވެ. އެ ޓީމުގައި ސިއްޙީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ މެޑިކަލް އޮފިސަރުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ފެންބޮޑުވުމާއި ބިންހެލުމުގެ ސަބަބުން ގެއްލުން ލިބޭ އާއިލާތަކަށް އެހީތެރިވުމަށް ޖައިކާ މެދުވެރިކޮށް ކުއްލި ހާލަތުގައި ދޭންޖެހޭ މުހިންމު ތަކެތިވެސް ޖަޕާނުން ފޯރުކޮށްދޭނެއެވެ. އޭގެތެރޭގައި ޓެންޓް، ބްލެންކެޓް އަދި އެހެނިހެން ތަކެތިވެސް ހިމެނެއެވެ.

ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުންވެސް ވަނީ ނިންމާފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި ފެންބޮޑުވެފައިވާ މަގެއް. ފޮޓޯ/އިންޑިޕެންޑެންޓް

ދިވެހި ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް އެހީ ދިނުމަށް ނިންމީ، ތޫފާން ގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ތޫފާނުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

އެންމެ ފުރަތަމަ އެހީވި އިންޑިއާ އިން ވަނީ މީހުން ސަލާމަތްކުރުމަށް ދެ ހެލިކޮޕްޓަރު ފޮނުވައި އެހީގެ ސާމާނު ފޮނުވައިފައެވެ.

ތޫފާންގެ ސަބަބުން މުޅި ލަންކާގައި ފެންބޮޑުވެ، މިހާތަނަށް 159 މީހަކު ވަނީ މަރުވެފައެވެ. މޫސުން ގޯސްވެ ހިނގާ އެކި ހާދިސާތަކުގައި 203 ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ.