ތޫފާނުގެ ސަބަބުން ލަންކާގެ 230،000 އަށް ވުރެ ގިނަ އާއިލާއަށް ގެއްލުން ލިބިއްޖެ
ތޫފާނުގެ ސަބަބުން ލަންކާގެ 230،000 އަށް ވުރެ ގިނަ އާއިލާއަށް ގެއްލުން ލިބިއްޖެ

ތޫފާން 'ދީތްވާ' ގެ ސަބަބުން ލަންކާގެ 230،000 އަށް ވުރެ ގިނަ އާއިލާއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ރިލީފް ސާވިސް ސެންޓަރުގެ އެސިސްޓެންޓް ސެކްރެޓަރީ ޖަޔަތީސާ މުނާސިންގޭ ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބޭ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް 910 ރިލީފް ސެންޓަރު ގާއިމްކޮށްފައިވާ ކަމަށްވެސް މުނާސިންގޭ ވިދާޅުވިއެވެ.

"އިއްޔެ މެންދުރުގެ ނިޔަލަށް ލަންކާގެ ހާލަތު ދައްކާ ގޮތުގައި 234،503 އާއިލާއަކުން 833،085 ފަރުދުންނަށް މި ކާރިސާގެ އަސަރު ކޮށްފައިވޭ. ރަސްމީކޮށް ކަށަވަރުވެފައިވާ މަރުވި މީހުންގެ އަދަދު މިވަގުތު 193 އަށް އުފުލިފައިވާއިރު، 209 މީހުން ވަނީ ގެއްލިފައި. މި ރިލީފް ސެންޓަރުތަކުގައި 34،198 އާއިލާއަކުން 120،832 ފަރުދުން އެބަތިބި." މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނާސިންގޭ ވިދާޅުވިއެވެ.

ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކާބޯތަކެތި ބަހައި މަގުތައް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ހާލަތުގައި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ އާއިލާތަކުގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮލަމްބޯގެ ބޭރުގައި އޮންނަ ވެލަމްޕިޓިޔާއަށް ބޯކޮށް ވާރޭ ވެހުމަށްފަހު ފެންބޮޑުވެފައިވާ މަގެއް. ފޮޓޯ/އޭއެފްޕީ

ތޫފާންގެ ސަބަބުން ބޮޑެތި ގެއްލުން ލިބެމުން އަންނައިރު، އެ ގައުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.

އެންމެ ފުރަތަމަ އެހީވި އިންޑިއާ އިން ވަނީ މީހުން ސަލާމަތްކުރުމަށް ދެ ހެލިކޮޕްޓަރު ފޮނުވައި އެހީގެ ސާމާނު ފޮނުވައިފައެވެ. އެގޮތުން އިންޑިޔާއިން ވަނީ ލަންކާއަށް 6.5 ޓަނުގެ ކާބޯތަކެތި ވައިގެ މަގުން ފޮނުވާފައެވެ.

އޭގެފަހުން ޖަޕާނުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ޖަޕާނު ސަރުކާރުން ބުނި ގޮތުގައި ލަންކާއަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) މެދުވެރިކޮށް އެސެސްމަންޓް ޓީމެއް ފޮނުވަން ވަނީ ނިންމާފައެވެ. އެ ޓީމުގައި ސިއްޙީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ މެޑިކަލް އޮފިސަރުންވެސް ހިމެނެއެވެ.

ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުންވެސް ވަނީ ނިންމާފައެވެ.

ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް އެހީ ދިނުމަށް ނިންމީ، ތޫފާން ގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.