02 Dec 2025, 08:56

އެމެޒޯން ޕްރައިމްގެ މަޝްހޫރު ކްރައިމް ތުރިލާ ވެބް ސީރީސް "މިރުޒަޕޫރު"ގެ ބަތަލާ ޝްވެތާ ތުރިޕާތީ ޝަރުމާ ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ތައާރަފްވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
"ނާވާ"ގެ ނަމުގައި ޕްރޮޑިއުސްކުރާ މި ފިލްމަކީ ބިރުވެރި ފިލްމެއް ކަމަށާއި ފިލްމު ގެނެސްދޭނީ ޝްވެތާގެ ފިލްމު ކުންފުނި ބަންޑަފުލް ފިލްމްސް އާއި ކްވަތަންޑާ ފިލްމްސް އިންޑިއާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ ޝްވެތާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ޝްވެތާ އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ "މުޖޭ ޖާން ނާ ކަހޯ މެރީ ޖާން"ގެ ނަމުގައި އުފެއްދި ޑްރާމާ ފިލްމެކެވެ. ޕްރޮޑިއުސަރެއްގެ ގޮތުގައި ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝްވެތާ ބުނީ އެ ފިލްމަކީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ.

ޝްވެތާ ކޯ-ސްޓާ އަލީ ފަޒަލްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންޑިއާ އަކީ ވަރަށް މުއްސަނދި ސަޤާފަތެއް އޮތް ޤައުމެއް ކަމަށާއި ތާރީޚުގައި ހިނގާފައިހުރި މީހުންނަށް ސިހުން ގެންނަފަދަ ހާދިސާތަކަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކަތަކެއް ކަމަށް ޝްވެތާ ވަނީ ބުނެފައެވެ.
ފިލްމު "ނާވާ"ގެ ޑައިރެކްޓަރު އޭގެ ސްކްރިޕްޓް ކިޔައިދިނުމުން ފިލްމުގައި ހިމެނޭ ބިރުވެރި ހާދިސާތައް އަޑު އެހުމަށްފަހު ސިހުން ގެނުވި ކަމަށާއި ބެލުންތެރިންނަށް ވެސް ފިލްމުން ސިހުން ގެނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝްވެތާ ވަނީ ބުނެފައެވެ.
ވެބް ސީރީސްގެ އިތުރުން ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ބަތަލާ އެންމެފަހުން ފިލްމަކުން ވެސް އަދި ވެބް ސީރީސްއަކުން ވެސް ފެނިފައި ވަނީ 2023ގައެވެ.