އޮޕަރޭޝަން އަލިމަގު: އައްޑޫގެ 10 ތަނެއް ބަލައި ހައްޔަރުކުރި މީހުންގެ އަދަދު 10 އަކަށް
އޮޕަރޭޝަން އަލިމަގު: އައްޑޫގެ 10 ތަނެއް ބަލައި ހައްޔަރުކުރި މީހުންގެ އަދަދު 10 އަކަށް

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މިރޭ ފުލުހުން ބުނެފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެ 10 މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އެއީ ސ. ހިތަދޫ، ގުލްކަނދުގެ، ޙަސަން ނަޒީފް (36އ)އެވެ. މިއަދު ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.

އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.

އިއްޔެ ފުލުހުން ވަނީ އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑުރަގް ވިޔަފާރި ކުރާ އެއް ނެޓްވޯކްގެ އިސް މީހުންތަކެއް ނުވަތަ ބޮޑުން ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.

ޖުމްލަ ފަސް މީހަކު ހައްޔަރުކުރިއިރު، އެ މީހުންގެ ވަނަވަރު ވެސް ވަނީ މިއަދު އާންމުކޮށްފައެވެ.

އައްޑޫން ހައްޔަރުކުރި ޑުރަގް ވިޔަފާރީގެ ބޮޑުން -- ފޮޓޯ: ފުލުހުން

އެ މީހުންނަކީ:

  • އަލީ ނަދީމް، ސ. ހިތަދޫ، ކޮންމުލި

  • ހާފިޒު ފައުޒީ، ސ. ހިތަދޫ، ފަލާހް
  • އިބްރާހިމް ސިރާޖު. ސ. ހިތަދޫ، ވެޔޮފެހެބުރުގެ
  • ހަސަން އަލްފާފް. ސ. ހިތަދޫ، ދޮރުފޮތިމާގެ
  • އަމީން މުޙައްމަދު، ސ. ހިތަދޫ، ކެކުރިމާގެ