މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަވައްޓެރި ސްރީ ލަންކާއަށް 100،000 ޑޮލަރު މިއަދު ހަދިޔާކޮށްފިއެވެ.

ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީ ލަންކާއަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިންނެވެ. އެގޮތުން އެކިއެކި ގައުމުތަކުން ލަންކާއަށް އެހީގެ ގޮތުގައި ލިބުނު 6.5 މިލިއަން ޑޮލަރުގެ ތެރެއިން 2.4 މިލިއަން ޑޮލަރު ރާއްޖެއިން ވަނީ ހަދިޔާކޮށްފައެވެ.

ލަންކާގެ ނޫސްތަކުން އިއްޔެ އެކަން ރިޕޯޓުކޮށްފައި ވަނިކޮށް މިއަދު، ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަނީ 100،000 ޑޮލަރު ހަދިޔާކޮށްފައެވެ.

ޔުނިވާސަލް ކުންފުންޏަކީ، ފަތުރުވެރިކަމުގެ އިތުރުން ތައުލީމީ ދާއިރާއަށް ވެސް އެހީތެރިކަން ދޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ޚަރަދުގައި މަތި ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕްތައް ވެސް ދޫކުރެއެވެ. އަދި އެހެނިހެން ދާއިރާތަކުން ވެސް އެހީ ފޯރުކޮށްދޭ ކުންފުންޏެކެވެ.

ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ލަންކާ ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައެވެ. އަދި މި ދަތި ދަނޑިވަޅުގައި ރާއްޖެއިން ވެދެމުންދާ އެހީ ފާހަގަކޮށް އެކަމަށް ވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ދިވެހި ސަރުކާރުން 50،000 ޑޮލަރު ހަދިޔާކުރިއިރު، ގައުމީ ފެންވަރުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ 'ސިލޯނާއެކު ދިވެހީން' ޓެލެތޯނުން އެކަނި ވެސް ވަނީ އަށް ލައްކަ ޑޮލަރު އެހީގެ ގޮތުގައި ހޯދައިފައެވެ. އޭގެ އިތުރުން ވެސް އަމިއްލަ ވިޔަފާރިތަކާއި އާއްމު ފަރާތްތަކުގެ އެހީއާއެކު 2.4 މިލިއަން ޑޮލަރު ރާއްޖެއިން އެހީގެ ގޮތުގައި ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖޭގެ އިތުރުން ދެން އެ ގައުމަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ އެމެރިކާއިންނެވެ. އެމަޖެންސީ އެއިޑްގެ ގޮތުގައި އެ ގައުމުން ދެ މިލިއަން ޑޮލަރު ދިން އިރު ޗައިނާއިން ވަނީ 1.1 މިލިއަން ޑޮލަރު ދީފައެވެ.

ސްރީ ލަންކާ އަލުން އާރާސްތުކުރުމަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ތޫފާން ދިތުވާގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހީރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ވަނީ އިއްޔެ ހަވީރު ބޮޑު އެއްވުމެއް ވެސް ބާއްވައިފައެވެ. ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖެއާއި، ލަންކާގެ ދިދަތަކާއި، ޝުކުރުގެ އެކި ބެނާތަކާއެކު އެތައް ބަޔަކު ވަނީ ދިވެހީންނަށް ޝުކުރުވެރިވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާއްޖެއަކީ އެ މީހުންނަށް ވަރަށް ގާތް ގައުމެއް ކަމަށް ވެސް ލަންކާ ރައްޔިތުން އައީ ބުނަމުންނެވެ.

ފައިސާގެ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ލަންކާއަށް އެހީގެ ގޮތުގައި ހަވާލުކޮށްފައެވެ.