ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ތިރިގެ، ލޮކްސަބާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު މިއަދު މަޝްވަރާކޮށްފިއެވެ.

ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަ ދުވަހުގެ މުއްދަތަކަށް އިއްޔެ އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވަނީ، ލޮކްސަބާގެ ރައީސް އޯމް ބިރުލާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސެއް ލޮކްސަބާއިން ރާވައި އިންތިޒާމުކުރުމަކީ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުމަށް ލޮކްސަބާއިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި މީގެ ހަ އަހަރުކުރިން ސޮއިކުރި އެއްބަސްވުމުގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކްސަބާއިން ހިންގަމުން ގެންދާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި ޢަބްދުއްރަޙީމް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އޯމް ވިދާޅުވީ، ޓެކްނޮލޮޖީއާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން އަބަދުވެސް ތައްޔާރަށް އެބައޮތް ކަމަށެވެ.

އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް ވަޑައިގަންނަވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައި، މި ހިނގާ ވިހިވަނަ މަޖިލިސް ކުރުކޮށްލާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުއްރަޙީމް ވަނީ މިދިޔަ ފެބްރުވަރީ މަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ، އިންޑިއާގެ ލޮކް ސަބާގެ ރައީސް އޯމް ބިރުލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ.

ޢަބްދުއްރަޙީމް އެ ދަތުރުފުޅުގައި އޯމް ބިރުލާއާއި ޖަގްދީޕް ދަންކަރުގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާ ވެސް ބައްދަލުކުރެއްވިއެވެ.