18 Jan 2026, 09:14

ދެކުނު އިންޑިއާގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ބަތަލާ ސަމަންތާ ރުތު ޕްރަބޫގެ ފިލްމު ކުންފުނިން ގެނެސްދޭ ދެވަނަ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ތުރަލާލާ މޫވިންގް ޕިކްޗާސް ބެނާގެ ދަށުން އުފައްދާފައިވާ މި ފިލްމުގެ ނަމަކީ "މާ އިންތި ބަންގަރަމް"އެވެ. ސަމަންތާ ބަތަލާގެ ރޯލް ކުޅެފައިވާ މި ފިލްމަކީ ޚުދު ސަމަންތާ އަމިއްލައަށް ޕްރޮޑިއުސްކޮށް ނަންދިނީ ރެޑީ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި މަގުބޫލު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ މޭސްތިރިޔާ އަދި ސަމަންތާގެ ފިރިމީހާ ރާޖް ނިދިމޮރޫ ވެސް އިސްކޮށް ހަރަކާތްތެރިވާނެއެވެ. ސަމަންތާ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެނެސްދޭނީ މި އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހެވެ.

ސަމަންތާ ފިލްމު ޑައިރެކްޓަރު އަދި ފިރިމީހާ ރާޖްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ސަމަންތާގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ގުލްޝަން ދޭވިއާ ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެއެވެ. މިއީ ގުލްޝަން ދޭވިއާ ތެލުގޫ ސިނަމާއަށް ތައާރަފުވާ އެކްޓަރުގެ ފުރަތަމަ ތެލުގޫ ފިލްމެވެ.
ދެކުނު އިންޑިއާގެ އެންމެ ބޮޑު ޑިމާންޑު އޮންނަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ސަމަންތާގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަންއިން "ސުބްހަމް"ގެ ނަމުގައި ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. ސަމަންތާ އަމިއްލަ ފިލްމު ކުންފުންޏެއް ލޯންޗުކޮށްފައިވަނީ 2023ވަނަ އަހަރެވެ.
މިދިޔަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ޑައިރެކްޓަރު ރާޖް ނިދިމޮރޫއާ ކައިވެނިކޮށްފައިވާ ބަތަލާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ނެޓްފްލިކްސްއިން އުފައްދާ ފެންޓަސީ އެކްޝަން ސީރީސް "ދަ ބްލަޑީ ކިންގްޑަމް" ހިމެނެއެވެ.
ސަމަންތާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2024ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން ސްޕައި އެކްޝަން ޓެލެވިޒަން ސީރީސް "ސިޓަޑެލް: ހަނީ ބަނީ"އިންނެވެ.