19 Jan 2026, 13:03

ތެލެސީމިއާ ބަލި މީހަކު ނެތީ ހަމައެކަނި ވ. އަތޮޅުގައި ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްބީއެސްގެ ތަފާސްހިސާބުތަކާ ހަވާލާދީ، ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހު 10އެެއްގެ ނިޔަލަށް ތެލެސީމިއާ ދަފްތަރުގައި ވަނީ 650 މީހުން ރަޖިސްޓްރީކޮށްފައެވެ.
މިގޮތުން، އެ ދަފުތަރުގައި 11 އަހަރާއި 20 އަހަރާ ދެމެދުގެ 215 ކުދިން ވަނީ ރަޖިސްޓްރީވެފައެވެ.

އާބާދީގެ ނިސްބަތުން ތެލެސީމިއާ މީހުން އެންމެ ގިނައީ، ނ އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ވަނީ ތެލެސީމިއާ ދަފްތަރުގައި ރަޖިސްޓްރީވެފައެވެ. ލ. އަތޮޅުގައި 43 ތެލެސީމިއާ މީހުން ތިބިއިރު، ފ. އަތޮޅުގައި ތިބީ، 18 ތެލެސީމިއާ ބަލި މީހުންނެވެ.
އެމްބީއެސްގެ ހިސާބުތަކުން އެނގޭ ގޮތުގައި، ވ. އަތޮޅުގައި ތެލެސީމިއާ ބަލި މީހަކު ނެތްއިރު، މ. އަތޮޅުގައި އެ ބަލި ތަހަންމަލުކުރާ ތިން މީހުން އުޅެއެވެ.
މިދިޔަ ތިން އަހަރަށް ބަލާއިރު، އެންމެ ގިނައިން އަލަށް ތެލެސީމިއާ ދަފްތަރުގައި ޖެހުނީ، 2024ގައެވެ. އެ އަހަރު އެކަނި 18 މީހުން ތެލެސީމިއާ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރިއިރު، މިދިޔަ ތިން އަހަރު ޖުމުލަ 40 މީހުން އަލަށް ވަނީ އެ ދަފްތަރުގައި ރަޖިސްޓްރީވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް މަހަކު ދެހާސް ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެ އިނާޔަތަށް އެދެން ހުޅުވާލާފައިވާއިރު، ތެލަސީމިއާ ސެންޓަރުގައި ބަލަހައްޓަމުން އަންނަ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެ އިނާޔާތަށް އެންސްޕާއިން ފައިސާ ދޫކުރަން ފަށާނީ، އަންނަ މަހުން ފެށިގެނެވެ.