ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެ ދެ ކުންފުންޏަށާއި، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ ދެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

މީރާއިން ކުރި އިއުލާނުގައި ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

މީރާއިން ބުނި ގޮތުގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ދެ ކުންފުންޏަކީ އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކުންފުނިތައް ކަމަށެވެ. ނަމަވެސް، އެ ދެ ކުންފުނިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް މީރާއިން ބުންޏެވެ. އަދި މި މައްސަލައަކީ އެކަން ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރު ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދީފައިވީ ނަމަވެސް، މި ޚިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައި ނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ބުންޏެވެ.

އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީސީއާރް ޓެސްޓިން ޚިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި، 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވާ ކަމަށް މީރާއިން ބުންޏެވެ. ނަމަވެސް، މި ޚިދުމަތުން ލިބިފައިވާ އެންމެހާ އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައި ނުވާކަމަށް މީރާއިން ބުންޏެވެ.

މި ޚިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާޚިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ޚަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަމަށް ވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނި ގޮތުގައި ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނާފައެއް ނުވެއެވެ.

މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން ވެސް ވަނީ އަންގައިފައެވެ.

މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްފައިވާ ކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، ޢަލީ ފަޔާޟްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން ވަނީ އެދިފައެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު އަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނަން،މީރާ

ހަމައެއާއެކު އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރުމަށް ވަނީ އެދިފައެވެ. އެގޮތުން "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މީރާގެ ވެބްސައިޓްގައިވާ "ވިސުލް ބްލޯވިން" ފަންކްޝަން މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.