ދިވެހި ކުޑަކުދިން ހަގީގަތުގައި މުއާމަލާތުކުރަނީ ދިވެހިބަހުންތޯ ނުވަތަ އިނގިރޭސި ބަހުންތޯ ސުވާލު އުދައްވައި، ގައުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށްކަން ވެސް ނޭނގޭ ކަމަށް ވިދާޅުވެ، ޕްރޮފެސަރު ޙަސަން އުގައިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އުގައިލް 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ކުޑަކުދިން މިއަދު އާންމުގޮތެއްގައި އިނގިރޭސި ބަހަށް ހޭލުންތެރިވަނީ ތަފާތު ވައްތަރުގެ ވީޑިއޯ ގޭމުތައް ކުޅެގެންނާއި ޔޫޓިއުބުން ގިނަ ވަގުތު ވީޑިއޯތައް ބަލައިގެން، އިންޓަނެޓުގެ ޒަރިއްޔާއިން ކަމަށެވެ.

އެއާ ޚިލާފަށް ދިވެހި ގޭބިސީތަކުގައި އާންމުކޮށް ބޮޑެތި މީހުންނާއި، އާންމުން ދުވަހުން ދުވަހަށް ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުންކަން އުގައިލް ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިހާރުގެ ތުއްތު ކުދިން ދިވެހި ބަހާ ވަރަށް ދުރުހެލިކަން އެއީ ހަގީގަތެއް. އަދި އެކުދިންގެ އިނގިރޭސި ބަސްމޮށުންތެރިކަން އޮތީވެސް އެންމެ އެދެވޭ ހާލަތެއްގައެއް ނޫން. އެހެންކަމުން، އަޅުގަނޑުމެންގެ ތުއްތު ކުދިން ހަގީގަތުގައި މުއާމަލާތް ކުރަނީ ކޮން ބަހަކުން ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް،ޕްރޮފެސަރު ޙަސަން އުގައިލް

އުގައިލް ވިދާޅުވި ގޮތުގައި، ގައުމެއްގެ ކުރިމަގު އަބަދުވެސް ބިނާ ކުރާނީ އެ ގައުމެއްގެ ޒުވާނުން، ޒުވާނުންގެ މެދުގައި މުއާމަލާތުކުރަން ބޭނުންކުރާ ބަހާއި ވިސްނުމާއި ފިކުރާއި ޚިޔާލުތަކާ އެކުގައެވެ. އެއާއެކު، މީގެ 30 އަހަރު ފަހުން އެކި ރޮނގުރޮނގުން ގައުމު ހިންގަން ތިބޭނީ ޒުވާނުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ހާލަތަށް ބަލާއިރު ގައުމުގެ މިސްރާބު ހުރީ ކޮންދިމާލަކަށްތޯ ސުވާލުކޮށްލުން މުހިއްމު ކަމަށް އުގައިލް ވިދާޅުވިއެވެ.

އެގޮތުން މިހާރު ގިނަ ކުދިން ގެންގުޅެނީ ދިވެހިބަހުން ވާހަކަދެއްކުމާ ދުރު ވިސްނުމެއްކަން ފާހަގަކުރައްވައި އުގައިލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އޭނާގެ ޕޯސްޓުގައި ވަނީ، ބަހެއް އެންމެ ފުރިހަމަގޮތުގައި އުނގެނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސަކީ އިޖްތިމާއީ ގުޅުމާއި، އެ ބަހަކުން ސުވާލު ކުރުމާއި، ޖަވާބު ދިނުމާއި ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ކަމަށެވެ.