21 Jan 2026, 11:39
ގެއަކަށް ވަގަށް ވަދެ، އެ ގޭގައި ދިރިއުޅޭ ބިދޭސީ މީހެއްގެ ފޯނު ވަގަށް ނެގި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހާދިސާ ހިނގީ އޮކްޓޫބަރު 22، 2024 ގައެވެ. މި މައްސަލައިގައި ހއ. މޮޅަދޫ، އާޒާދު، އަހުމަދު އަބްދުﷲގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ވާގޮތުން އެ މީހާ ވަނީ ބަންގްލަދޭޝް މީހަކު ދިރިއުޅޭ ކޮޓަރިއަށް ވަގަށް ވަދެ، ބާލީސް ކައިރީގައި ބާއްވާފައި އޮތް ވީވޯ ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައެވެ.
އަހުމަދު އަބްދުﷲ ވަނީ ދެ ދައުވާއަށް ވެސް ޝަރީއަތުގައި އިއުތިރާފުވެފައެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަން މައްސަލައިގައި އޭނާގެ މައްޗަށް ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި، އެހެން މީހެއްގެ މުދަލަކަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
އެކަމަކު، ތަހުގީގާއި ޝަރީއަތުގެ ތެރެއިން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތަރު މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.