21 Jan 2026, 12:01
އިމާރާތްކުރަމުންދިޔަ ގެއެއްގައި ބަހައްޓާފައި ހުރި ކަރަންޓު ނަރުތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހަކު، ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޑިސެންބަރު 12، 2024 ގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުވާކޮށްފައިވަނީ މ. ކަކޮޅަސް، މުހައްމަދު އަލްތާފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ ވައްކަންކުރުމާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ދައުވާގައި ވާގޮތުން އޭނާ ވަނީ ހަދަމުންދިޔަ ގެއަކަށް ވަދެ، އެ ތަނުގައި ހުރި 2.5 އެމްއެމްގެ ދެ ކަރަންޓު ނަރު ރޯލާއި، 1.5 އެމްއެމްގެ ނަރު ރޯލެއް ވަގަށް ނަގާފައެވެ.
އޭނާ ވަނީ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައެވެ. އެކަމަކު، އެ ނަރުތައް ނެގިއިރު ހީކުރީ އެއީ އުކާލަން ނެރެފައި ހުރި އެއްޗެއް ކަމަށް ކަމުގައި އެ މީހާ ކޯޓުގައި ބުންޏެވެ. ހުކުމުން އެނގޭ ގޮތުގައި އެއީ މީގެ ކުރިން ވެސް މި ބާވަތުގެ ކުށްތައް ސާބިތުވެފައި ހުރި މީހެކެވެ.
އެކަމަކު، އޭނާ ކުރި ކުށުގައި އަނިޔާވެރިކަމެއް ނުހިމެނޭތީއާއި އިސްލާހުވާން މަސައްކަތްކުރާކަން އެނގޭތީ ގާޒީ ވަނީ އަދަބު ލުއިކޮށްދީފައެވެ.
އެހެންވެ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ވައްކަމުގެ މައްސަލައިގައި އޭނާގެ މައްޗަށް ހަ މަހާއި 20 ދުވަހުގެ ގޭ ބަންދު ހުކުމެއް އިއްވާފައެވެ. އަދި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހަށް ގޭބަންދުކުރަން ހުކުމްކޮށްފައެވެ.