އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އާންމުންގެ ޚިޔާލު ހޯދަން ނަގާ ވޯޓުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، އިންތިޚާބުގެ ކަންކަން ހިނގާ ގޮތް ބެލުމަށްޓަކައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މާދަމާ މެންދުރުފަހު ތިނެއް ޖަހަންދެން ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން، މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން އީސީން މީޑިއާތަކަށް ކަނޑައަޅާ "ޑޭޓާ ލިއޭޒަނެއް" މެދުވެރިކޮށް އެ ކޮމިޝަނުގެމައި ޕޯޓަލްމެދުވެރިކޮށް ފޯމު ހުށަހެޅުމަށާއި، ޑޭޓާ ލިއޭޒަނަކަށް ވާން އެދޭ ފަރާތްތަކުން "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށްއީމެއިލްކުރުމަށްއީސީން އެދެއެވެ.

ކޮމިޝަނުން ބުނީ، ވޯޓުލާ، އަދި ވޯޓުގުނާ ކޮންމެ މަރުކަޒެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ މީޑިއާއަކުންވެސް އެއް މޮނީޓަރަކަށެވެ.

ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރާތްތަކުން އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެ ކަމަށާއި، އެގޮތުންސިމެދަ ޕޯޓަލްމެދުވެރިކޮށް ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންނަށް ވުމަށް އެދި ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަގޮތުން އޮބްޒަވަރުންނަށް އެދޭ ފަރާތްތަކުންމައި ޕޯޓަލްމެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ ކޮމިޝަނުން އެދިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށެވެ.

އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަށް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އިންތިޚާބު މޮނިޓާކުރުމަށް 3،091 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ. އަދި އިންތިޚާބު އޮބްޒާވްކުރުމަށް 1،477 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ.

ލޯކަލް ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު އޮންނާނީ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.

ފާހަގަކުރެވޭ ގޮތުގައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވެއެވެ. ވެރިކަންކުރާ ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހަދަނީ އިންތިޚާބަށް "ކަޑަޖެހުމަށް އާދަވެފައި" ތިބުމުން ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ގާނޫނާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ މިދިޔަ ބުދަ ދުވަހު ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.