20 Mar 2026, 18:36

ފިތުރުގެ އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ތިން ދުވަހަށް ކުރިއަށްގެންދާ "އީދު ހަވީރު" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ މި ހަވީރު، މިއަދުން ފެށިގެން ތިން ދުވަހަށް މާލޭގެ ޖުމްހޫރީ މައިދާނާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ފޭސް އެކެއް ސެންޓްރަލް ޕާކާއި ހުޅުމާލެ ފޭސް ދޭއް ހިޔާ ސަރަހައްދުގައި އޮންނާނެއެވެ. މި ހަވީރު އޮންނާނީ، ކޮންމެ ދުވަހަކު 16:00އިން 18:00އަށެވެ.


ޢީދު ހަވީރު 1447: ކުޑަކުދިން ގަޔާވާނެ ފަދަ އެކިއެކި ކެރެކްޓާތައް ވަނީ ދައްކާލާފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މިއަދު ކުރިއަށްގެންދިޔަ ޢީދު ހަވީރުގެ ހަރަކާތްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމީހުންގެ އާއިލާތަކާއެކު މި ހަވީރުގައި ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ޢީދު ހަވީރު 1447: ސިފައިންގެ އެކިއެކި އޮޕަރޭޝަނަލް ހަރަކާތްތައް ތަޖުރިބާކޮށްލަން ވަނީ ލިބިފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
މި ހަވީރުގައި އެމްއެންޑީއެފް އަދި ފުލުހުންގެ އިތުރުން 11 މުއައްސަސާއަކުން ވަނީ ބައިވެރިވެ އެކިކަހަލަ ހަރަކާތްތައް ބާއްވައިފައެވެ. އޭގެ ތެރޭގައި އެކިއެކި ކުޅިވަރުތަކަށް ޚާއްސަ ސްޓޯލްތައް ހިމެނެއެވެ.
ކުޑަކުދިން ގަޔާވާނެ ފަދަ އެކިއެކި ކެރެކްޓާތަކާއި، ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތައް ވެސް ކުރިއަށް ދިޔައެވެ.

ޢީދު ހަވީރު 1447: ފުލުހުންނާއި ސިފައިންގެ އެކިއެކި ހަތިޔާރާއެކު ފޮޓޯ ނަގަން ވަނީ ލިބިފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
މި ހަވީރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފުލުހުންނާއި ސިފައިން އެމީހުންގެ ޔުނިފޯމާއި، އެކިކަހަލަ އޮޕަރޭޝަނަލް ހަތިޔާރާއި، ބޭނުންކުރާ އުޅަނދުތައް ދައްކާލުމެވެ. މިއީ ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރައިގެ މީހުން ވެސް ގަޔާވި ހަރަކާތެކެވެ.
ހަމައެއާއެކު ސިފައިންގެ ރެޕަލިން ޓަވަރާއި، ފޯމް ޕޫލާއި، ޔޫއޭވީ ސިމިއުލޭޝަން ހަރަކާތްތަކާއި އެމްއެންޑީއެފްގެ ވެހިކަލްތައް ބަލާލައި، ފޮޓޯ ނެގުމުގެ ފުރުސަތު ލިބުނެވެ.

ޢީދު ހަވީރު 1447: ކުޑަކުދިންނަށް ޚާއްސަ އެތައް ހަރަކާތެއް ވަނީ ބާއްވާފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީއާއި ވެމްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލްއާއި އާރުޑީސީއާއި އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް ކުޑަކުދިންނަށް ޚާއްސަކޮށް ބާއްވާ މި ފަދަ ހަވީރުތަކަށް ބޮޑެތި ތަރުހީބުތައް ލިބެއެވެ. އަދި، އެ ފަދަ ތަންތަނަށް ގިނަ އާއިލާތައް ޖަމާވެއެވެ.