ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާއި އަތޮޅު ކައުންސިލުތައް އުވާލި ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަހެއް ނެތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލައި، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިދާރީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ނިންމާފައިވެއެވެ.

އެހެންނަމަވެސް، އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ހަނިވާ ކަމަށް ބުނެ ސަރުކާރަށް އޮތީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

އޭގެ ފަހުން މި ސަރުކާރުގެ މުހިންމު މަގާމުތަކަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި މިދިޔަ އަންގާރަ ދުވަހު 10 މިނިސްޓަރަކު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގެންނެވިއިރު، އެ މިނިސްޓްރީ އުވާލައިފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

އެ ބަދަލާ ގުޅިގެން އަނެއްކާވެސް ކަންބޮޑުވުން އުފެދިފައިވަނިކޮށް އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، އެ ކައުންސިލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން އެ އޮތޯރިޓީން ހަނދާންކޮށްދީފައިވެއެވެ.

އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލުތައް އުވާލުމުން އެ އިދާރާތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ ގާނޫނީ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްތަކުގެ މިލްކިއްޔާތުގައި ހުރި ހުރިހާ މުދަލާއި ވަސީލަތްތައް ވެސް އެ އޮތޯރިޓީގެ ދަށަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން އެލްޖީއޭއިން ފާހަގަކުރެއެވެ.

އެލްޖީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަތޮޅު ކައުންސިލުތައް އުވާލައި، އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ ގޮފިތައް ނުވަތަ އޮފީސްތައް ގާއިމްކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުން ލިބިދީފައިވާ ކަމަށެވެ.

އެހެންކަމުން، އަތޮޅު ކައުންސިލުތަކުގެ ޒިންމާތައް އެލްޖީއޭއަށް ބަދަލުވެ، އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ އޮފީސްތައް އުފެއްދުމުގެ ފުރުޞަތު އޮތުމާއެކު، ކަމާބެހޭ ވުޒާރާ އުވާލުމަކުން ލާމަރުކަޒީ ނިޒާމު ހިންގުމަށް އެއްވެސް ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެލްޖީއޭއިން ވަނީ ދީފައެވެ.

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި 22 މިނިސްޓްރީ ހިމެނުނު ނަމަވެސް، ފަހުން މިނިސްޓްރީތަކެއް އެއްކޮށް އެ އަދަދު ވަނީ 20އަށް މަދުކޮށްފައެވެ. އަދި އަންގާރަ ދުވަހު ގެނައި ބަދަލާއެކު، އެ އަދަދު މިހާރު ވަނީ 15އަށް މަދުކޮށްފައެވެ.

ރައީސް އޮފީހުން ވަނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ރޫހާ އެއްގޮތަށް ސަރުކާރު ހިންގަން ފުރުސަތު ދިނުމަށް ކަމަށް ބުނެފައެވެ.