ރޯހިތުގެ ގެއަށް ބަޑިޖެހި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ރޯހިތުގެ ގެއަށް ބަޑިޖެހި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ އިންޑިއާގެ ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅޭ ގެއަށް އަމާޒުކޮށް ބަޔަކު މީހުން ބަޑިޖެހި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު މުމްބާއީގައި ދިރިއުޅޭ ގޭގެ ބޭރަށް ބަޑިޖެހި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައި ވަނީ، އުއްތަރު ޕްރަދޭޝްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އާއި މުމްބާއީ ޕޮލިސް ކްރައިމް ބްރާންޗުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޕްރަދީޕް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާގްރާގެ ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ، އާގްރާ-އީޓާ މަގުގައި އޮންނަ ޗަދާމީ މަައްތާ ސަރަހައްދުންނެވެ.

މުމްބާއީގެ ޖޫހޫގައި ހުންނަ ރޯހިތު ދިރިއުޅޭ އިމާރާތް "ޝެޓީ ޓަވަރު"ގެ ބޭރަށް އަމާޒުކޮށްދިން މި ހަމަލާގައި ބައެއް ވަޒަންތައް އެ އިމާރާތުގެ ބެލްކަނީގެ ބިއްލޫރިގަނޑުގައި ޖެހިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ރޯހިތް ޝެޓީގެ ގޭގެ ސަލާމަތީ ކަންކަން ވަނީ ވަގުތުން ވަރުގަދަކޮށްފައެވެ.

ރޯހިތު ގާތް އެކުވެރިޔާ އަދި އެކްޓަރު އަޖޭ ދޭވްގަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފުލުހުންގެ އިސް އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި ހަމަލާއަކީ އިންޑިއާގެ ގޭންގެއް ކަމަށްވާ "ޝުބަމް ލޮންކަރު" ގޭންގުގެ އިރުޝާދުގެ ދަށުން ދީފައިވާ ހަމަލާއެކެވެ. މިކަމުގެ މައިގަނޑު މަގްސަދަކީ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ފިލްމީ ދާއިރާގެ ތެރޭގައާއި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަހުގީގުގެ ކުރީކޮޅު ކުރެވުނު ސުވާލުތަކުގައި، ކުށަށް އިއުތިރާފުވަމުން ޕްރަދީޕް ވަނީ މިކަމުގައި ބައިވެރިވި އޭނާގެ އެކުވެރިންގެ ނަންތައް ހާމަކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި މި ގްރޫޕުގެ ބޭނުމަކީ ކުށްކުރާ ދުނިޔޭގައި ނުފޫޒު ގަދަކުރުމެވެ. ހައްޔަރުކުރުމަށްފަހު ޕްރަދީޕް މިހާރު ވަނީ މުމްބާއީ ފުލުހުންގެ ޓީމާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފެބުރުއަރީ މަހު ރަޖިސްޓްރީކޮށްފައި ވަނީ އިންޑިއާގެ ޖިނާއީ ގާނޫނާއި، ހަތިޔާރުގެ ގާނޫނާއި، މަހަރާޝްތުރާ ޕޮލިސް އެކްޓް އަދި މަހަރާޝްތުރާ ކޮންޓްރޯލް އޮފް އޯގަނައިޒްޑް ކްރައިމް އެކްޓްގެ ދަށުންނެވެ. ޕްރަދީޕަކީ މި މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރެވުނު މީހާއެވެ. މީގެ ކުރިންވެސް މި މައްސަލާގައި 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގިތާ ހަފުތާތަކެއް ފަހުން، ރޯހިތް ޝެޓީ ވަނީ ސޯޝަލް މީޑިއާގައި މި ހާލަތާ ގުޅުވައި މަޖާޒީ ޕޯސްޓެއް ހިއްސާކޮށްފައެވެ.

"މިވީހާ ދުވަހު އުޅުނީ އެކްޝަން އަދި ކޮމެޑީ ފިލްމުތައް އުފެއްދުމުގައެވެ. ނަމަވެސް މިހާރު މިވަނީ އަމިއްލަ ދިރިއުޅުމުގައިވެސް އެކްޝަން އަދި ކޮމެޑީ ކަންތައްތަކެއް ކުރިމަތިވެފައެވެ." އޭނާ ލިޔެފައިވެއެވެ.

ވަރުގަދަ އެކްޝަން ފިލްމުތައް އުފެއްދުމަށް މަޝްހޫރު ރޯހިތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ މިދިޔަ އަންގާރަ ދުވަހު މަސައްކަތްފެށިކަން އިއުލާނުކޮށްފައިވާ ފިލްމު "ގޯލްމާލް 5"އެވެ.