މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، ކަރު ޒަޚަމުކޮށްލި މައްސަލައިގައި އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމުތަކެއް ލިބުނު، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.

މިއަދު ފުލުހުން ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުގައިވާ ގޮތުން، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހާއަށް ހަމަލާދީ، ކަރަށް ބޮޑެތި ޒަޚަމްތައް ދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ކަރަންކާ މަގުގައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.