ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޒުވާން ދެ އަންހެނުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ.

މި ދެ މީހުންގެ ތެރެއިން ޢަލްޔާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއަށް އައިސް އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ.

މި މައްސަލައިގައި ހިމެނޭ ދެވަނަ މީހާ، ރޫނާ ހައްޔަރުކޮށްފައިވަނީ ހަމަ އެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި ދެ އަންހެނުންގެ މައްޗަށް ތުހުމަތު ކުރެވެނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އަދި އެ ތަކެތި ޓްރެފިކް ކުރި ކަމަށެވެ. މި ދެ އަންހެނުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތާކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައަކަށްވާއިރު، އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ބޮޑު ކުށެކެވެ. މީގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން، ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ވަކި މިންގަނޑަކަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކްކުރުން ކަމަށް ބެލެވޭނެއެވެ.

މިސާލަކަށް ހަތަރު ގުރާމަށްވުރެ ގިނައިން ހެރޮއިން އަތުގައި ހުރުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމެކެވެ. މަސްތުވާތަކެތި ގަނެވިއްކުމާއި، ވިޔަފާރީގެ މުޢާމަލާތް ހިންގުމަކީވެސް ޖިނާއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ ކަންކަމެވެ.