ޓައިޓޭނިކް ބޯޓުން ސަލާމަތްވި ޕަސިންޖަރަކު ލައިގެން ހުރި ލައިފް ޖެކެޓެއް ނީލަމުގައި 906،000 ޑޮލަރަށް ވިކިއްޖެއެވެ.

އެ ލައިފް ޖެކެޓް ލައިގެން ހުރީ އެ ބޯޓުގެ ފަސްޓް ކްލާހުގެ ފަސިންޖަރެއް ކަމަށްވާ ލޯރާ މެބެލް ފްރެންކަޓެލީއެވެ.

އިނގިރޭސިވިލާތުގެ ޑެވިޒްސްގައި ހެންރީ އަލްޑްރިޖް އެންޑް ސަން އިން ބޭއްވި އެ ނީލަމުގައި ޓައިޓެނިކްގެ ހަނދާނީ ބައެއް ތަކެތި ވިއްކާފައިވާއިރު، އެ ނީލަމުގައި ޓައިޓެނިކްގެ އެއް ލައިފްބޯޓުގެ ސީޓް ކުޝަންއެއް 527،000 ޑޮލަރަށް ވަނީ ވިކިފައެވެ.

"މި ރެކޯޑް އަގުތަކުން ދައްކުވައިދެނީ ޓައިޓެނިކް ވާހަކައަށް ޝައުގުވެރިކަން ދެމިއޮތް މިންވަރު، މި ހަނދާނީ ތަކެތިން އަންގައިދެނީ ފަސިންޖަރުންނާއި ފަޅުވެރިންނަށް ކުރާ އިހުތިރާމް،" ނީލަން އިންތިޒާމްކުރި އެންޑްރޫ އަލްޑްރިޖް ބުންޏެވެ.

ކެންވަސް އިން ހަދާފައިވާ ކްރީމް ކުލައިގެ ލައިފް ޖެކެޓް އެމެރިކާ އާއި ޔޫރަޕްގެ މިއުޒިއަމްތަކުގައި ވަނީ ދައްކާލާފައެވެ.

"ސަލާމަތްވި މީހުން ލައިގެން އުޅުނު ލައިފް ޖެކެޓްތައް މިއަދު ވެސް އެބަހުރި. ނަމަވެސްއެ ތަކެތި ވިކުމުގެ ފުރުސަތު ކުޑަ،" އަލްޑްރިޖް ބުންޏެވެ.

ޓައިޓެނިކާ ގުޅިފައިވާ ރަން ޕޮކެޓް ގަޑިއެއްވެސް މިދިޔަ އަހަރު ވަނީ ރެކޯޑް އަގެއް ކަމަށްވާ، ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރަށް ވިކިފައެވެ. އަށާރަ ކެރެޓްގެ ރަން ގަޑިއަކީ އޭގެ އަސްލު ވެރިޔާ އިސިޑޯ ސްޓްރަސް އަށް އޭނާގެ 43 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ އަންހެނުން އައިޑާ ސްޓްރަސް ހަދިޔާކުރި ގަޑިއެކެވެ. އެމެރިކާގެ ވިޔަފާރިވެރިއެއް އަދި މެސީސްގެ ވެރިއެއް ކަމަށްވާ ސްޓްރަސް އާއި އޭނާގެ އަންހެނުންނަކީ ޓައިޓެނިކް ބޯޓުގައި ދަތުރުކުރި ފަސްޓް ކްލާހުގެ ދެ ފަސިންޖަރުންނެވެ.

ތަފާތު އެކި ފިލްމުތަކާއި ޝޯތައް ވެސް ކުޅެފައިވާ ޓައިޓޭނިކް އަކީ 1912 ވަނަ އަހަރު އަޑިއަށް ދިޔަ ބޯޓެކެވެ. އެއީ އޭރު އުފެއްދި އެންމެ ބޮޑު ބޯޓަށް ވެފައި ބޯޓު އަޑިއަށް ދިޔަ ހާދިސާއަކީ ކަނޑުމަތީގެ އެންމެ ފާހަގަކޮށްލެވޭ ހާދިސާއެވެ.