ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއާގުޅޭ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން 'ސަން'އަށް ބުނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމަށް ޚަރަދު ކުރި މީހުންނާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަކަށް ޕީޖީއަށް ހުށަހެޅުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި އެއަށް ފަންޑުކުރި މީހުންގެ ބައި، އޭގެ މާނައަކީ ޓެރެރިމްގެ މި އަމަލަށް ފައިނޭންސްކުރި މީހުންގެ ބައި، އެބައިގެ ތަޙްގީގް އަވަސްކޮށް ވީއެންމެ އަވަސް މުއަދަތެއްގެ ތެރޭގަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް އަޅުގަނޑުމެން ވާނީ އަށެއް އޭޕްރިލްގަ ފުލުހުންނަށް ލަފާދީފަ.ޕީޖީ އޮފީސް

ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެ މަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.

އެ ދުވަހު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންވަނިކޮށް ވަނީ ބޮން ގޮއްވާލައިފައެވެ.

އެ މައްސަލައާ ގުޅިގެން ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ދެން ދައުވާ އުފުލި މީހުންގެ ތެރޭގައި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދުގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ ހިމެނެއެވެ.

އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ އިއްވާފައެވެ.

ތަސްލީމަކީ ބޮން ގޮއްވައިލުމުގައި އެންމެ އިސް ދައުރެއް އަދައިކުރި މީހާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް ތަސްލީމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތެއް ނުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ބޭރުން ވެސް ފަރުވާ ހޯއްދެވިއެވެ.