21 Apr 2026, 18:15
މޫދަށް އެރި މަސް ހިފަން އުޅުމުގެ ތެރޭ، ލ. ހިތަދޫން އުމުރުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އަމާން/ ލ. ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.
އެ ރަށުގެ ކައުންސިލަރު ޢަބްދުލްވާޙިދު އިދުރީސް 'ސަން'އަށް މިއަދު ވިދާޅުވީ، އެ ޒުވާނާ މަސް ހިފަން އުޅުމުގެ ތެރޭ، މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ގަލެއްގައި ތާށިވި ކަމަށެވެ.
"ވީގޮތަކީ މަސް ހިފަންވެގެން އުޅުމުގެ ތެރޭގައި ގެންގުޅުނު ނަނު ގަލުތެރެއަށް މަހާ އެއްކޮށް ހިފީމަ، ގެންގުޅުނު ދަގަނޑަށް މަސް ވަދެގެން ދިޔަ ގަޑީ އަތުގައި ބެދިގެން ގަލުގަ ތާށިވީ،" ޢަބްދުލްވާޙިދު ވިދާޅުވިއެވެ.
ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް، ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.