21 Apr 2026, 18:56
މުދަލު ޒަކާތުގެ ނިޞާބު 21،836.50 ރުފިޔާއަށް ބޮޑުކޮށް، މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާނުކޮށްފިއެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ޒަކާތު ހައުސްއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ޒަކާތުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21،836.50 ރުފިޔާ ކަމުގައި ކަނޑައަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވީ ހިނދު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ނެރުމަށް ޒަކާތު ހައުސްއިން ވަނީ ވަސިއްޔަތްކޮށްފައެވެ.
މިދިޔަ އަހަރު ދެފަހަރަށް ވަނީ މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބު ބޮޑުކުރީ މިދިޔަ ޑިސެމްބަރު 21ގައެވެ. އޭރު ބޮޑުކުރީ 19،527.90 ރުފިޔާއަށެވެ. އަދި އޭގެ ހަތަރު މަސް ކުރިން ނިޞާބު ކަމަށް 11،191.95 ކަނޑައެޅިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުދަލު ޒަކާތް ނަގަން ފެށިފަހުން އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ލިބުނީ މިދިޔަ އަހަރު ކަމަށް، ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.
އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2021ވަނަ އަހަރުން ފެށިގެން ނިމިދިޔަ 2025ވަނަ އަހަރުގެ ނިޔަލަށް، ކޮންމެ އަހަރަކު 90 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އެގޮތުން އެންމެ މަތިން މުދަލު ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރެވެ. އެއީ 107.21 މިލިއަން ރުފިޔާއެވެ.